އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން އިތުރުކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިކަން ކުރުމުގެ މައިގަނޑު ބޭނުމަކީ އުމުރުން ދުވަސްވީ މީހުން ފަދަ ކޮވިޑް19 ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ މެދުގައި އެ ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވެއިލަންސްގެ [ސާމްޕަލް ނެގުން] މަސައްކަތް މިހާރު ފަށާފައި ވަނީ. މިކަން ކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ ރާއްޖޭގައި [ހާއްސަކޮށް މާލޭގައި] ކިހާ ވަރަކަށްތޯ މި ބަލި ހުރީ ހައި ރިސްކް ގްރޫޕުގެ ތެރޭގައި ބަލަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރާ އެކްޓިވް ސަވެއިލަންސްގެ ސަބް ކޮމްޕޯނެންޓެއް މިއީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މި ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ވެސް ހިމެނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 (ނޭވާލާ ނިޒާމުގެ މައްސަލަތަކަށް ފަރުވާ ދޭ ބައި) ގައި މިހާރު ވެސް ތިން މީހަކަށް ފަރުވާ ދެމުންދާއިރު، އެ ތިން މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.

އޭގެ ތެރެއިން 70 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށާއި 80 އަހަރުގެ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް ޖެހިފައިވާ އުމުރުން ދުވަސްވީ ދެ މީހަކު ވަނީ މަރުވެފައެވެ.