ޓެސްޓު ކުރެވޭ މިންވަރު މިހާރަށް ވުރެ އިތުރު ނުކުރެވިއްޖެ ނަމަ މި މަހު އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖު (ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާ އިތުރުވުން) ދެނެނުގަނެވޭނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ފެނުނު ކޮވިޑް-19ގެ ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަލާމާތް ނުފެންނަ މީހުން ކަމަށެވެ. އެހެންވެ، ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަލާމާތް ނެތް މީހުން ކަމަށްވާއިރު، ބަލި ޖެހޭ މީހުން ދެނެގަނެވޭނީ ޓެސްޓްކޮށްގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ޓެސްޓިން އިތުރު ކުރެވިއްޖެނަމަ ބޮޑަށް ޔަގީންކަމެއް ލިބޭނެ ޓްރޫ ސާޖް އައީތޯ ނާދޭތޯ. އެހެން ނަމަވެސް ޓެސްޓިން ކެޕޭސިޓީ [ޓެސްޓު ކުރެވޭ މިންވަރު] އެހާތަނަށް އިތުރު ނުކުރެވިއްޖެނަމަ ހަގީގަތުގައި ނޭނގޭނެ މި ބުނާ ސާޖު އަތުވެއްޖެތޯ ނާދޭތޯ، ސިމްޓަމެޓިކް މީހުން [ބަލީގެ އަލާމާތްތައް ހުންނަ މީހުން] މަދުއިރަކު. އެއީ ސިޕްޓަމެޓިކް މީހުން މިއުޅެނީ ގާތްގަނޑަކަށް 50 ޕަސެންޓު ކޭސްތަކުގައި [50 ޕަސެންޓް މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެނޭ]،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުންނަށް ބަލި ހުރިކަން ނޭނގޭ އިރު އެކި ގޮތްގޮތުން ކުރެވޭ ސާވަލަޔަންސް ޓެސްޓްތައް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެން ނޫން ނަމަ، ނޭނގި މުޖުތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ބެލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އެންއީއޯސީން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 31ވަނަ ދުވަހަކީ ކޮވިޑް-19 ޖެހިފައިވާ އެންމެ ގިނަ މީހުން ރިޕޯޓް ކުރެވޭނެ ދުވަހެވެ. އެގޮތުން އެ ދުވަހު 1562 ކޭސް ފެންނާނެ ކަމަށް ބެލެވުނަސް ޓެސްޓު ކުރަން މިހާރު ހުރި ވަސީލަތްތަކާއެކު އަސްލު ދެނެގަނެވޭނީ، ދުވާލަކަށް 390 ކޭސްކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފަ އެވެ.

މިހާރު ހުރި ވަސީލަތްތަކާއެކު ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 400 ސާމްޕަލެވެ. މިއަދަދު 600 އަށް އިތުރުކުރަން ބޭނުންވާ ވަސީލަތްތައް މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ގެންނާނެ ކަމަށާއި މިހާރު އަމާޒަކީ ދުވާލަކު 1000އަށް ވުރެ ގިނަ މީހުން ޓެސްޓު ކުރުން ކަމަށް މިރޭގެ ބައްދަލުވުމުގައި އެންއީއޯސީން ވަނީ ބުނެފަ އެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ލޮކްޑައުންއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބައި، އާންމުންގެ ސާފުތާހިރުކަން އިތުރު ކުރުމަކީ ވެސް މިހާރު ޕޮޒިޓިވްވާނެ ކަމަށް ލަފާކޮށްފައި ހުރި ނަންބަރުތައް މަދުކުރެވޭނެ ކަމެއްގެ ގޮތުގައި ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ.

"ލޮކްޑައުންގައި އަޅާފައިހުރި ފިޔަވަޅުތަކަށް އާންމުންގެ ކޮމްޕްލަޔަންސް އިތުރުވާ ވަރަކަށް ނުވަތަ ސާފުތާހިވުމުގެ ފިޔަވަޅުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެ، އުޅުމަށް ތަފާތު އަންނަ ވަރަކުން ބަލި ފެތުރޭ މިންވަރަށް ވެސް ބަދަލު އަންނާނެ. އަދި މިކަހަލަ ކޮމްޕްލަޔަންސް ކަންތައްތަކަކީ ފައިނަލް ޕްރޮޖެކްޝަންސްގެ [އެންމެ ފަހުގެ ލަފާކުރުންތައް] އަދަދު އިތުރުކޮށްލާނެ ކަމެއް." ޑރ. އަފްޒަލް ވިދާޅުވި އެވެ.