އަންނަ އަހަރު ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކުންފުނިތައް ޕްރައިވެޓައިޒް ނުކުރެވޭ ގޮތަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 2012 ވަނަ އަހަރުގެ ބަޖެޓަށް އިސްލާހު ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުން ހޫނުވެއްޖެ އެވެ.

ބަޖެޓަށް އިސްލާހް ހުށަހަޅުއްވަމުން ގާސިމް މިއަދު ވިދާޅުވީ، ސުޓެލްކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހުތަކަށް އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވި އެވެ. ނަމަވެސް ގާސިމް ހުށަހެޅުއްވި އިސްލާހުތަކަށް ކުރެންދޫ ދާއިރާގެ މެމްބަރު އަހްމަދު މޫސާ ވަނީ ތާއީދު ކުރައްވައިފަ އެވެ.

ގާސިމްގެ އިސްލާހުތަކާ ގުޅިގެން އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ބައެއް މެންބަރުންނަށް ރިޔާސަރުން އިންޒާރު ވެސް ދެއްވި އެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދަށް ރިޔާސަތުން މަޖިލީހުގެ ރައީސް ވަނީ އިންޒާރު ދެއްވައިފަ އެވެ.

އެ މެންބަރުން ވިދާޅުވީ ބަޖެޓް ގާސިމަކީ ބަޖެޓް ކޮމެޓީގެ މުގައްރިރަށް ވެފައި އޭނާ އަށް ބަޖެޓަށް އިސްލާހު ހުށަނޭޅޭނެ ކަމަށެވެ. އަދި ޕްރައިވެޓައިޒް ކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާ އިރު އެ ސިޔާސަތާ ދެކޮޅަށް އިސްލާހު ހުށަހެޅިގެން ނުވާނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފްކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި، ފަސް ކުންފުނި ޕްރައިވެޓައިޒްކޮށްގެން 750 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.