އަންކަރާ (12 މޭ 2020) : އަރަބި ގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމުގައި ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގެ ދައުރު ވަރަށް ބޮޑުކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީގެ އެކީތް ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ޚާރިޖީ ވަޒީރު މެއުލުދް ކައުޝްއޮގްލޯ ވިދާޅުވީ ޔޫއޭއީ ގެންދަނީ އަރަބި އެތަށް ގައުމެއް ހަލާކުކޮށްލުމުގެ ނުބައި ރޯލެއް ކުޅެމުންކަމަށާ ޔޫއޭއީން ޔަމަނާ ދެކޮޅަށް ސީދާ ގޮތެއްގައި ހަނގުރާމަ ކުރާއިރު ލީބިޔާއަށް ނުސީދާގޮތެއްގައި ވަދެ ހަނގުރާމަ ކޮށް ލީބިޔާ ހަލާކު ކުރަމުން ގެންދާކަމުގައެވެ.

ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ޔުއޭއީގެ އިތުރުން މިސްރާއި އެހެން ބައެއް ގައުމުތައްވެސް ވަންނަކަމަށް އޮގްލޯ ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އެއީ ކޮންގައުމުތަކެއްކަން ސީދާ ގޮތެއްގައި ވިދާޅެއް ނުވެއެވެ. ޔޫއޭއީ އާއި މިސްރުގެ ނަން ފާޅުކަން ބޮޑު ގޮތެއްގައި އޮގްލޯ ވިދާޅުވިއެވެ.

ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރު ލީބިޔާގެ ވެރިކަމަށް އަތްގަދަ ކުރުމަށްޓަކައި ކުރަމުން ގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ސީދާ ގޮތެއްގައި އެހީތެރިވަނީ ޔޫއޭއީ އާއި މިސްރުންނެވެ. ނަމަވެސް ސައޫދީ އަރަބިއާއާއި ރަޝިއާ އަދި ފަރަންސޭސިވިލާތުގެ މައްޗަށްވެސް ހަފްތަރަށް ވާގިވެރިވާ ކަމުގެ ތުހުމަތު ބައިނަލްއަގްވާމީ ގޮތުން އިއްތިރާފްވެފައިވާ ލީބިޔާގެ ސަރުކާރު ކަމަށްވާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ކުރެއެވެ.

ތުރުކީއަކީ ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަށް އަސްކަރީ ގޮތުން ވާގިވެރިވާ ހަމައެކަނި ގައުމެވެ. ތުރުކީގެ އަސްކަރީ އެހީތެރިކަމާއެކު ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުންވަނީ ވެރިރަށް ޓްރިޕޮލީ ހިފުމަށް ހަފްތަރުގެ ބާރުތަކުން ކުރަމުން ގެންދާ ހަނގުރާމައިގާ އެބާރުތަކުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ.

ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ހަފްތަރުގެ ބާރުތަކުންވަނީ ޓްރިޕޮލީގައިވާ މިއިތީގާ އެއާޕޯޓަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއްދީ އޭނާގެ ބާރު އަލުން ދައްކާލާފައެވެ. އެ ހަމަލާދިނީ ޔޫއޭއީން އަގު އަދާކުރާ ގޮތަށް މިސްރުން ދީފައިޥާ ރޮކެޓްތަކަކުން ކަމަށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ބުނެއެވެ.

ހަފްތަރުގެ ރޮކެޓް ޙަމަލާތަކުގައި ލީބިޔާގެ އާންމުންގެ އެތަށް ބަޔަކު މަރުވެފައިވާއިރު އޭގެތެރޭގައި ރޯދަ ވީއްލަންތިބި ލީބިޔާގެ އާއިލާއެއް ގެ 7 މެންބަރުންވެސް ހިމެނެއެވެ. ހަފްތަރުގެ ޙަމަލާތަކުގައި މިއިތީގާ އެއާޕޯޓުގައިވާ ލީބިޔާގެ ގައުމީ އެއާލައިންސްގެ އެއާބަސް މަރުކާގެ ދެ މަތިންދާބޯޓު ހަލާކުވެ އެއާޕޯޓަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިއީ އަރަބި ގައުމުތަކުގައި ހަމަނުޖެހުން އުފައްދައި އެގައުމުތައް ހަލާކު ކުރުމަށް ޔޫއޭއީން މަސައްކަތް ކުރާކަމަށް ތުރުކީގެ މިފެންވަރުގެ މަސްއޫލުވެރިއަކު ސީދާގޮތެއްގައި ތުހުމަތު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޔޫއޭއީ އާއި ސައޫދީ ގުޅިގެން ގެންދަނީ ޔަމަނުގެ ޝަރުޢީ ސަރުކާރު އަލުން އަނބުރައި ޔަމަނަށް ގެނައުމުގެ ނަމުގައި 2015 ން ފެށިގެން ޔަމަނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. އެހަނގުރާމައިގާ ޔޫއޭއީ އާއި ސައޫދީ ސިފައިން ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން ޔަމަންގެ ގިނަ ސިޓީތައްވަނީ ހަލާކުވެ ބިމާހަމަވެފައެވެ. މީގެއިތުރުން އެހަނގުރާމައިގެ ސަބަބުން ޔަމަންގެ 22 ހާސް މީހުން މަރުވެ އާބާދީގެ ދެބައިކުޅަ އެއްބައިމީހުން ވަނީ ބަނޑަށްވެސް ޖެހިފައެވެ.

ނަމަވެސް ޔަމަންގެ ވެރިކަމަށް އަތްގަދަކޮށް ގެންތިބި ހުޘީން ބަލިކޮށް ޔަމަނުގެ ޝަރުޢީ ސަރުކާރު އަލުން އަނބުރައި ޔަމަންގެ ވެރިކަމަށް އިއާދަ ކުރުމުގައި ޔޫއޭއީ އާއި ސައޫދީ ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ތުރުކީއަކީ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ގައުމެކެވެ. އަދި ތުރުކީވަނީ ކުރުދީންނާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާގެ އުތުރުގެ އުތުރުގެ ބޮޑު ސަރަހައްދަކަށް އަސްކަރީ ގޮތުން ވަދެގަނެ އެސަރަހައްދުތަކުގައި ފައި ހަރުކޮށްލާފައެވެ.

މީގެއިތުރުން ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތަށް އެހީތެރިވާ ކަމުގެ ތުހުމަތު ތުރުކީއާއި ގަތަރުގެ މައްޗަށް ކުރެވިފައިވެއެވެ. ގަތަރުން އައިއެސް ގެ ހަރަކާތްތަކަށް ފައިސާ ޚަރަދު ކުރާކަމަށް ތުހުމަތު ކުރެވޭއިރު އައިއެސްއާ ގުޅުމަށް ސޫރިއާއަށްދާ ހަނގުރާމަވެރިން ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް ވައްދަނީ ތުރުކީންންވެ. އައިއެސްއާ ގުޅުމަށްޓަކައި ތުރުކީގެ މަގުން ސޫރިޔާއަށް ވަންނަ ހަނގުރާމަވެރިން ތުރުކީއަށް ގެންދަނީ ގަތަރު އެއާވޭސްއިން ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)