12 May 2020, 20:56
ގަވާއިދަށް ނުފެތޭތީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލި "ކޮވިޑް19 އެހީތެރިިކަމުގެ ބިލު" އިސްލާހު ކުރެއްވުމަށްފަހު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަލުން އެ ބިލު ހުށަހަޅުއްވައިފި އެވެ.
އެ ބިލް ހުށަހެޅުމުގެ ފުރުސަތު ނުދިނީ ދައުލަދުގެ ޚަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް އެ ބިލްގައި ހިމެނޭތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީއާ ގުޅޭ ކަންކަން ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ.
އެ ބިލްގައިވާގޮތުން، ބިލު ހުށަހެޅުމުގެ މަގްސަދަކީ ކޮވިޑްގެ ސަބަބުން އިގްތިސާދަށާއި ރައްޔިތުުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މިހިނދުން މިހިނދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި އަދި އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާން ކުރުމެވެ.
އެގޮތުން އަލުން ހުށަހެޅި ބިލުގައި ވަނީ ހަ ދާއިރާއަކުން އެހީތެރިކަމާއި ލުއި ގޮތްތައް ހޯދުމަށް ހިމަނާފައެވެ.
ޕެންޝަން ފަންޑުން ތިން ބައި ކުޅަ އެއްބައި ފައިސާ ދޫކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ. ބިލުގައިވާ ގޮތުން ޕެންޝަން ފަންޑް ސްކީމުން ފައިސާ ދޫކުރަން ވާނީ، ތިން އިންސްޓޯލްމަންޓަށް ބަހާއިގެން ކޮންމެ އިންސްޓޯލްމަންޓެއްވެސް 30 ދުވަހަށްވުރެން ގިނަދުވަސް ނުވާނޭގޮތުގެ މަތިންނެވެ. އަދި ގާނޫނަށް އަމަލު ކުރާތާ 14 ދުވަހުގެ ތެރޭގައި އިންސްޓޯލްމަންޓަށް ފައިސާ ދޫކުރަން ވާނެކަމަށް ބިލުގައި ބުނެއެވެ.
ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭ ގޮތަށް ބިލުގައި ހިމެނި ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، ޕެންޝަންފަންޑުން ފައިސާ ދޫކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ ޕެންޝަން ފަންޑުގެ ފައިސާ އެހެން ބޭނުމަށް ބޭނުން ކުރާނީ އިތުރު ގޮތެއް ނެތް ނަމަ ކަމަށެވެ.
ކުރިން ސައީދު ހުށަހެޅުއްވި ބިލުގައި ބައެއް ކުލިތަކުން މައާފު ދިނުމަށް ވަނީ ހިމަނާފައެވެ. ސައީދު މިފަހަރު ހުށަހެޅުއްވި ބިލުގައި ވަނީ ބައެއް ކުލިތައް ދެއްކުން ފަސް ކުރުުމަށް ހިމަނާފައެވެ. އެގޮތުން ސޯޝަލް ފްލެޓްތަކުގެ ކުލި، ދައުލަތުގެ ވިޔަފާރި ބިންތަކުުގެ ކުލި، ދަނޑުވެރި ބިންތަކުގެ ކުލި، ފަތުވެރިކަމުގެ ބިމުގެ ކުލި ނުވަތަ ރިސޯޓުތަކުން ދައްކަން ޖެހޭ ކުލިީގެ 50 ޕަސަންޓް ވަކި މުއްދަތަކަށް ފަސްކުރުމަށް ބިލުގައި ހިމަނާފައިވެއެވެ. ގިނަ ކުލިތައް ހުރީ ހަ މަސްދުވަހަށް ފަސް ކުރުމަށެވެ.
ބިލުގައި ހިމެނޭ އެހެން މުހިންމު ބައެއް ކަންކަން:
ސްޓޫޑެންޓް ލޯނުގެ ފައިސާ ދެއްކުން 90 ދުވަހަށް ފަސް ކުރުން
- މަސްވެރިނަށް ދޫކުރާ ތެލުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން މަސައްކަތް ކުރުން
- ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، މަސްވެރިން ބާނާ މަހަށް ލަސްވެގެން 48 ގަޑިއިރުތެރޭ ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރުން.
ބިލުގައި ބުނާ ގޮތުން، ބިލުގައި ހިމެނޭ މާއްދާތައް މާނަކުރަންވާނީ އަދި ތަންފީޒު ކުރަންވާނީ ދައުލަތުގެ އާމްދަނީއަށް އުނިއިތުރުކަމެއް ނާންނާނޭގޮތުގެ މަތިންނެވެ. އަދި ބިލުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް އެއްވެސް ބާވަތެއްގެ ޓެކްސް ތައާރަފު ނުކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެއެވެ.
ބިލާއެކު ސައީދު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ބިލު މިހާރު ހުށަހަޅާފައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް އެއްވެސް އުނި އިތުރު ކަމެއް ނާންނާނެއެވެ.
ސައީދު ވިދާޅުވީ، ދިވެހި ގިނަ ރައްޔިތުން މި ދަނޑިވަޅުގައި ވަނީވަރަށްވެސް ދަތި ހާލުގައިޖެހިފައި ކަމަށާއި މާލީ އެތައް ދަތިކަމެއް ދިމާވާ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަަށް އިތުރުވަމުންދާ ކަމަށެވެ. އަދި ވަޒީފާގެއްލޭ ފަރާތްތަކާއި، ނޯޕޭލީވްގައި ގެޔަށްފޮނުވާލާ މުވައްޒަފުންނާއި ބަނގުރޫޓުވަމުންދާ ކުންފުނިތަކުގެ އަދަދުވެސް އިތުރު ވަމުންދާ ކަމަށް އޭނާ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން ރައްޔިތުން އިންތިހާބުކޮށްފައިވާ މެމްބަރުންގެ ހައިސިއްޔަތުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މަޖިލީހުން އިސްނަގަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.
"ވީމާ، ޕާޓީއާއި ސިޔާސީ ތައައްސުބުން އެއްކިބާވެ، މިނިވަން އިންސާފުވެރި އުސޫލުން މި ބިލު ބައްލަވައިގަންނަވާ ވީހާވެސް އަވަހަށް އެޖެންޑާކޮށްދެއްވުން އެދެމެވެ." ސައީދު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ބިލާއެކު ފޮނުވި ސިޓީގައި ވެއެވެ.