25 Dec 2011, 11:30
މެލޭޝިޔާގައި ދެވޭ ލަގަބެއް ކަމަށްވާ "ދާތޯ"ގެ ލަގަބު އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު ނަޒާކީ މުހައްމަދު ޒަކީއަށް ދީފި އެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ދާތޯގެ ލަގަބު ޒަކީ އަށް ލިބިވަޑައިގަތީ، މެލޭޝިޔާގެ ރަސްގެފާނު ދެއްވާ އެވޯޑް، "ދަރުޖާ އިންދެރާ މަކޯތާ ޕަހާން" އޭނާ އަށް ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. އެ އެވޯޑާއި ލަގަބު ޒަކީ އަށް ދެއްވާފައި ވަނީ މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އަހުމަދު ޝާހުގެ ގަނޑުވަރުގައި އޮތް ރަސްގެފާނަށް 81 އަހަރު ފުރުން ފާހަގަކުރުމުގެ ހަފުލާގައި ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
ސުލްތާން އަހުމަދު ޝާހުގެ އުފަންދުވަހާ ގުޅިގެން މި އަހަރު އެވޯޑް ލިބިވަޑައިގަތީ ޒަކީއަށާއި އެމެރިކާ އިން މެލޭޝިޔާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕޯލް ޖޯންސް އަށެވެ.
އެވޯޑާއި ލަގަބު ލިބިވަޑައިގަތުމާ ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވުމަށް ޒަކީ ފޮނުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ އެވޯޑާއި ލަގަބަކީ އޭނާ މެލޭޝިޔާގައި ހުންނަވާ ސަފީރުގެ ގޮތުން ކުރައްވާފައިވާ މަސައްކަތްޕުޅާ ގުޅިގެން ދެއްވި ލަގަބަކާ އެވޯޑެއް ނޫން ކަމަށެވެ. ނަމަވެސް އެއީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީގެ އޮޑިޓް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދެއްވި އެވޯޑަކާއި ލަގަބެއް ކަމަށެވެ.
ވިޔަފާރިވެރިއެއްގެ ގޮތުގައި ނަޒާކީ ޒަކީ އަދި ފަހުން "ސަންދާނު ޒަކީ"ގެ ނަމުން ރާއްޖޭގައި މަޝްހޫރިވި މުހައްމަދު ޒަކީ އަކީ ޝިޕިން ލައިނެއް ހިންގަމުން ދިޔަ ކާމިޔާބު ވިޔަފާރިވެރި އެވެ.
ނަވާރަސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އޭނާ އަށް ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން އޭނާގެ ޝިޕިން ވިޔަފާރި މެލޭޝިޔާ އަށް ބަދަލުކޮށް، އަމިއްލަ ފުޅަށް އަރުވާލެއްވިގެން 1990 ވަނަ އަހަރުން 1993 ވަނަ އަހަރާ ހަމައަށް ދިރިއުޅުއްވީ މެލޭޝިޔާގަ އެވެ. އަދި އޭގެ ފަހުން ރާއްޖެ ވަޑައިގެން އުޅުއްވަނިކޮށް "ސަންދާނު"ގެ ނަމުގައި 2001 ވަނަ އަހަރު ނެރުނު އީމެއިލް މަޖައްލާއަކާ ގުޅިގެން އޭރުގެ ސަރުކާރުން ޒަކީ ޖަލަށް ލިއެވެ.
ޒަކީ ވިދާޅުވީ 2005 ވަނަ އަހަރު ކުރީގެ ސަރުކާރުން އޭނާ މިނިވަން ކުރީ ޔޫރަޕިން ޔޫނިއަންގެ ފިއްތުންތަކާ ގުޅިގެން ކަމަށެވެ.