12 May 2020, 15:17
ވޫހާން (މެއި 12): ޗައިނާގެ ވޫހާންގައި ދިރިއުޅޭ އެންމެން ކޮރޯނާވައިރަހަށް ޓެސްޓު ކުރަން އެ ސިޓީން ތައްޔާރުވެއްޖެ އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއެއް ކަމަށްވާ ދަ ޕޭޕާގައިވާ ގޮތުން އެ ސިޓީގެ އެންޓި ވައިރަސް ޑިޕާޓްމެންޓުން ވަނީ ކޮންމެ ޑިސްޓުރިކްޓެއްގައި ދިރިއުޅޭ މީހުން 10 ދުވަސް ތެރޭ ވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތުގެ ރޭވުމެއް އެކުލަވާލަން އެ ސަރަހައްދުތަކުގެ އޮފިޝަލުންނަށް އަންގާފަ އެވެ. އަދި ޓެސްޓު ކުރުމުގައި އުމުރުން ދުވަސްވީ މީހުންނާއި ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކަށް އިސްކަން ދިނުމަށް އެ ޑިޕާޓްމެންޓުން ވަނީ އަންގާފަ އެވެ.
ނަމަވެސް ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ވާހަކަ ދެއްކި ބައެއް އިސް ސިއްހީ އޮފިޝަލުން ވަނީ ވޫހާންގެ އެންމެން ޓެސްޓު ކުރުމަކީ އަގުބޮޑު އަދި އުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވޫހާންގެ ޔުނިވާސިޓީ ހޮސްޕިޓަލްގެ ޑިރެކްޓާ އޮފް އިންޓެންސިވް ކެޔާ ޔުނިޓު، ޕެންގް ޝިޔޮންގް ވަނީ އެ މަސައްކަތުގެ ތެރެއިން ޓެސްޓު ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ސިއްހީ މަސައްކަތްތެރިންނާއި ބަލި ޖެހުމުގެ ނުރައްކާ އޮތް މީހުން ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވޫހާން ޔުނިވާސިޓީގެ އެހެން އިސް ބޭފުޅަކު ވަނީ މިހާރުވެސް އެ ސިިޓީގެ ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި 10 ދުވަސް ތެރޭ ބާކީ ހަޔެއް ނުވަތަ އަށް މިލިއަނެއްހާ މީހުން ޓެސްޓު ކުރުމުގެ ގާބިލުކަން ވޫހާންއަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ.
ވޫހާންގެ މުޅި އާބާދީ ޓެސްޓު ކުރަން ތައްޔާރުވެފައި ވަނީ އެ ސިޓީން ވައިރަހުގެ ކޭސްއެއް ނުފެންނަތާ 35 ދުވަސް ފަހުން މިދިޔަ ހަފްތާ ބަންދު ތެރޭގައި އެ ސިޓީގެ ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އެ ހަ މީހުންނަކީ ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ އަދި އެއް ސަރަހައްދެއްގައި ދިރިއުޅޭ މީހުންނެވެ.
އެ ކޭސްތައް ފެނިފައި ވަނީ 11 ހަފްތާގެ ލޮކްޑައުންއަކަށް ފަހު ވޫހާން މިދިޔަ މަހު ހުޅުވާލި ފަހުންނެވެ. އަދި ބައެއް ސްކޫލުތަކާއި ވިޔަފާރިތައް ހުޅުވާ، އާއްމު ދަތުރުފަތުރުގެ ހިދުމަތް ދޭން ފެށި ފަހުންނެވެ.
ޗައިނާގައި މިހާތަނަށް 84،011 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 79,208 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 4،600އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.