ވިލާ ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކުގައި ބައިވެރިވުމަށް 700 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުންނަ ކުރީގެ ސީއެޗްއެސް އެނެކްސް އަދި މިހާރުގެ ވިލާކޮލެޖުގެ މައި އިދާރާގައި މިދިޔަ ހަފުތާގެ ނިޔަލަށް ބޭއްވި ރަޖިސްޓްރޭޝަން ޕްރޮގްރާމާ ގުޅޭ ގޮތުން ވިލާކޮލެޖްގެ ރެޖިސްޓްރޭޝަން މެނޭޖާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފައުންޑޭޝަން ޕްރޮގްރާމަށް ހުޅުވާލި 215 ފުރުސަތަށް 75 ޕަސެންޓް ކުދިން ރަޖިސްޓަރީ ކޮށްފާވާ ކަމަށާއި ބެޗްލާސް ޑިގްރީ އަދި ޕްރޮފެޝަނަލް ޕްރޮގްރާމަށް ހުޅުވާލި 300 ފުރުސަތަށް 85 ޕަސެންޓު ކުދިން ރަޖިސްޓަރީ ކޮށްފާވާ ކަމަށެވެ.

އަދި ވިދާޅުވީ މާސްޓާސް ޕްރޮގްރާމަށް ހުޅުވާލި ފުރުސަތަށް 90 ޕަސެންޓް ކުދިން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
ވިލާކޮލެޖުން އަންނަ އަހަރަށް ވަނީ ފައުންޑޭޝަން ޕްރޮގްރާމުން ހަތް ދާއިރާއަކަށާއި ބެޗްލާސް ޑިގްރީ އަދި ޕްރޮފެޝަނަލް ޕްރޮގްރާމުން 11 ދާއިރާ އަކަށާއި މާސްޓާސް ޕްރޮގްރާމް އިން ހަތަރު ދާއިރާ އަކަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ޝިޔާމް ވިދާޅުވީ ޓެކްނިކަލް އެކި މައްސަލަތަކާ އެކު ރަޖިސްޓަރީ ނުވެވުނު ފަރާތްތަކަށް މިމަހުގެ 27 އިން 29 އަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ބައެއް މައްސަލަތަކާ ހުރެ ވެސް ބައެއް ފަރާތްތަކަށް އެ މުއްދަތުގައި ރަޖިސްޓްރީއެއް ނުކުރެވުނު. އެހެންވެ މިހާރު މިކޮޅުގައި ކިޔަވާ ކުދިން އަންނަ އަހަރަށް ރަޖިސްޓްރީ ކުރާ އިރު އެ ފަރާތްތަކަށް ފުރުސަތު އޮންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ މަހު ވިލާ ކޮލެޖުން ވަނީ، މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ވެސް ހިންގައިފަ އެވެ.