12 May 2020, 14:50
ޕެރިސް (12 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ޖެހިގެން މަރުވާ ފަރަންސޭސިވިލާތުގެ މުސްލިމުން ވަޅުލެވޭނެ ގޮތެއްނެތިގެން އެމީހުންގެ ހަށިތައް ފްރިޖްތަކާއި މޯޗަރީ ތަކުގައި ބަހައްޓާފައިވާ ކަމަށް އެގައުމުގެ އިސްލާމީ ޖަމްއިއްޔާ އެއްކަމަށްވާ "ޖަމްއިއްޔަތުއް ތަހާރާ" އިން ބުނެފި އެވެ.
އެޖަމްއިއްޔާގެ ރައީސް އަބްދުއްސަމަދު އަގްރާޝް ވިދާޅުވީ ފަރަންސޭސިވިލާތުގައި 35 ހާސް ގަބުރުސްތާނު ހުންނައިރު އޭގެތެރެއިން މުސްލިމުންނަށް ޚާއްސަކޮށްފައިވަނީ އެންމެ 600 ގަބުރުސްތާނު ކަމުގަ އެވެ. އޭގެތެރެއިން ގިނަ ގަބުރުސްތާންތައް މިހާރު ފުރިފައިވާއިރު މުސްލިމުން ވަޅުލާނެ ތަނެއް ނެތިގެން އައު ގަބުރުސްތާނު ތަކެއް ތައްޔާރު ކުރުމަށް ބިންދިނުމަށް ފަރަންސޭސި ސަރުކާރުގައި އެދިފައިވާ އެދުންތަކަށް އިޖާބަ ނުލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަގްރާޝް ވިދާޅުވިގޮތުގައި ފަރަންސޭސި ރައްޔިތުންގެ ގޮތުގައި އުޅޭ މުސްލިމުން މަރުވުމުން އޭގެތެރެއިން ގާތްގަނޑަކަށް 89 އިންސައްތަ މީހުންގެ ހަށިތައް ސަންދޯކުގައި އެޅުމަށްފަހު ވައިގެ މަގުން ގެންދަނީ އެމީހުންގެ އަސްލު ގައުމުތަކަށެވެ. ފަރަންސޭސި މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ އެގައުމުގެ އަވަށްޓެރި އަރަބި ދެގައުމު ކަމަށްވާ އަލްޖަޒާއިރާއި ތޫނިސް ގެ ދަރިކޮޅުގެ މީހުންނެވެ. އެހެންކަމުން މުސްލިމުންގެ ގަބުރުސްތާންތައް ފުރިފައިވީނަމަވެސް އެކަން މިހާތަނަށް މާބޮޑު މައްސަލައަކަށް ވެފައެއް ނުވެ އެވެ.
މިހާރު އެކަން މައްސަލައަކަށް ވެފައިވަނީ ކޮވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުން ގިނަ ބަޔަކު މަރުވާއިރު އޭގެތެރޭގައި ގިނައަދަދެއްގެ މުސްލިމުންވެސް ހިމެނޭތީއާއި ގިނައަދަދަކަށް މުސްލިމުން މަރުވާ މިދަނޑިވަޅުގައި ވައިގެ ދަތުރުތައްވެސް ހުއްޓިފައިވާތީ މުސްލިމުންގެ ހަށިތައް އެމީހުންގެ އަސްލު ގައުމުތަކަށް ގެންދެވޭނެ ގޮތެއް ނެތުމުން ކަމަށް އަގްރާޝް ވިދާޅުވި އެވެ.
ފަރަންސޭސިވިލާތަކީވެސް ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އާބާދީގައި މުސްކުޅިންގެ ނިސްބަތް ވަރަށް ބޮޑުގައުމެކެވެ. ކޮވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުގައި މިހާތަނަށް 26 ހާސް މީހުން މަރުވެފައިވާއިރު އެއީ އެރޯގާގައި މުޅި ދުނިޔެއަށް ބަލާއިރު 6 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. ފަރަންސޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން މިއަހަރު ނިމުމުގެ ކުރިން ބައިލައްކަ އަށްވުރެ ގިނަ މީހުން މަރުވާނެކަމަށް އެގައުމުގެ ސިއްހަތާބެހޭ މާހިރުން އަންދާޒާ ކުރައްވަ އެވެ.
ކޮވިޑް-19 ޖެހިގެން ފަރަންސޭސިވިލާތުގައި މިހާގިނައަދަދަކަށް މީހުން މަރުވެ މުސްކުޅި އާބާދީ ހަފުސްވަމުންދާއިރު މުސްލިމް ނޫން މީހުން ވަޅުލުމަށްވެސްވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
ފަރަންސޭސިވިލާތުގެ މުސްލިމް އާބާދީއަކީ ގާތްގަނޑަކަށް 6.7 މިލިޔަން އެވެ. އެއީ ފަރަންސޭސި ޖުމްލަ އާބާދީ ގެ 8.8 އިންސައްތަ އެވެ. ފަރަންސޭސި މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ އަރަބިންނެވެ. ދެން އެންމެ ގިނައީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 15 އިންސައްތަ އެވެ. (ނޫސްއެޖެންސީތައް)