12 May 2020, 13:48
ކޮވިޑް 19 އިގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލި، މާލެ އައިސް ދިރިއުޅޭ ރަށަށް ނުދެވިފައި ތިބި މީހުން އެމީހުން މާލޭގައި ތިބޭ މުއްދަތުގައި ހޭދަވާ ހަރަދު ސަރުކާރުން ދިނުމަށް އެދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅި އިސްލާހު ފާހެއް ނުވި އެވެ.
މެމްބަރު ޝިޔާމް އެގޮތަށް އިސްލާހު ހުށަހެޅުވީ ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓަށެވެ. އެ ރިޕޯޓަށް ޝިޔާމް ދެ އިސްލާހެއް ހުށަހެޅުއްވި އެވެ. އެއް އިސްލާހަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ރިސްކް އެލަވަންސްގެ ނަމުގައި ހާއްސަ އެލަވަންސެއް ދިނުމަށް އެދި ހުށަހެޅު އިސްލާހެވެ.
ދެވަނަ އިސްލާހަކީ ކިވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާ ގެއްލި އަދި ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންނަށް އެމީހުން މާލޭގައި ތިބޭ މުއްދަތުގައި އެމީހުންގެ އަތުން ދާ ހަރަދު ސަރުކާރުން ދިނުމަށް އެދި ހުށަހެޅި އިސްލާހެކެވެ. އެ ދެ އިސްލާހުވެސް މަޖިލީހުން ފާހެއް ނުވި އެވެ. އިސްލާހު ބަލައިގަންނަން ވޯޓު ދިނީ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދިނެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކޮވިޑާ ގުޅިގެން ދެކޭގޮތް ކަނޑައަޅައި ތައްޔާރު ކުރި ރިޕޯޓު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ރިޕޯޓަކީ އިންސާނީ ހައްގާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް އިސްކަން ދިނުމަށް ރިއާޔަތް ތައްޔާރުކޮށްފައިވާ ތަފްސީލީ ރިޕޯޓެކެވެ. އެގޮތުން ކޮވިޑް 19 އިގެ މިހާރު އޮތް ހާލަތުގެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ކޮވިޑް 19 އަށް ޕޮސިޓިވްވެ، އެކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތް ކުޑަކުދިންނަށް ރައްކާތެރިކަން ދޭނެ އުސޫލުތަކާއި އިންތިޒާމުތައް ހަމަޖައްސަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ.
އަދި ކޮވިޑް 19 އަށް ޕޮސިޓިވްވެ އައިސޮލޭޝަން ފެސިލިޓީގައި ބޭތިއްބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހާލު ދެރަވެ އެކުދިންނަށް އަޅާނުލެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެފަދަ ސެންޓަރުތަކުން އެ ކުދިންނާ މެދު އަމަލުކުރާނެ އުސޫލެއް އެލަވާލައި އެހާލަތަށް ތައްޔާރުވާން އިންތިޒާމުތައް ހަމަޖައްސަން ވެސް ވަނީ އެދިފަ އެވެ.
"ކޮވިޑް 19 އަށް ޕޮސިޓިވްވާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ދިނުމުގެ އުސޫލާއި އިންތިޒާމުތައް ހަމަޖެއްސުން." މަޖިލީހުން ފާސްކުރި ރިޕޯޓުގައި ހުށަހަޅާފައިވާ ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ކޮވިޑް 19 އިގެ ސަބަބުން ވަޒީފާ ގެއްލިފައިވާ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ކަމާގުޅޭ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް 19 އިގެ ހާލަތާއި ގުޅިގެން އެތައް އަންހެނުންނެއް ވަނީ އާމްދަނީ ލިބޭނެ މަގު ބަންދުވެފައި ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ދާން ޖެހިފައިވުމުގެ އިތުރުން އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާމްދަނީ ލިބުމުގެ ދޮރު ބަންދުވެފައި ވުމުގެ ސަބަބުން އެތައް އަންހެނުނަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"މިގޮތުން އޭގެތެރެއިން ބައެއް އަންހެނުންނަކީ ކުއްޔަށް އުޅޭ ފަރާތްތަކަށް ވެފައި އާމްދަނީ ލިބުމުގެ ދޮރު ބަންދުވުމުގެ ސަބަބުން ކުލި ދެއްކޭނޭ ގޮތެއް ނެތި އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތިފައި ތިބިކަން ކޮމިޓީއިން ފާހަގަކުރަން." ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.