ޖެނީވާ (މެއި 12): ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ޓެސްޓު ކުރަމުންދާ ސަތޭކައަށް ވުރެ ގިނަ ވެކްސިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް ބެލެވޭ އަށް ވެކްސިނެއްގެ މަސައްކަތް އަވަސް ކުރެވޭތޯ ބަލަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި މީގެ ދެ މަސް ކުރިން ލަފާ ކުރެވިފައި އޮތީ ވެކްސިނެއް ލިބެން 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށެވެ. ނަމަވެސް އެއަށް ވުރެ އަވަހަށް ވެކްސިނެއް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތަށް ދުނިޔޭގެ ގައުމުތަކާއި ޖަމްއިއްޔާތަކުން ދޭނެ ކަމަށް މިދިޔަ ހަފްތާގައި ވައުދުވި އަށް ބިލިއަން ޑޮލަރުން ވަރަށް ބޮޑު އެހީއެއް ލިބޭނެ ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ.

"މިހާރު [ވެކްސިންގެ] ރަނގަޅު ކެންޑިޑޭޓުންތަކެއް އެބަތިބި. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ހަތެއް ނޫނީ އަށް ވަރަކަށް ވެކްސިން. ނަމަވެސް އަޅުގަނޑުމެންގެ އެބަތިބި 100އަށް ވުރެ ގިނަ ކެންޑިޑޭޓުން. އަޅުގަނޑުމެން އިސްކަން ދެނީ ރަނގަޅު ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ މަދު ކެނޑިޑޭޓުންނަށް. އަދި އެ ކެންޑިޑޭޓުން [ޓެސްޓު ކުރުން] އަވަސް ކުރުމަށް،" ޓެޑްރޮސް ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި 400އަށް ވުރެ ގިނަ ސައިންސުވެރިން ދަނީ ބައިވެރިވަމުންނެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ވެކްސިންތައް އުފައްދާފައި ވަނީ ކޮން ބަޔަކު ކަމެއް އެ ޖަމްއިއްޔާއިން ހާމަ ނުކުރެ އެވެ.

މީގެ އިތުރުން ޓެޑްރޮސް ވަނީ ދުނިޔޭގެ އެންމެންނަށްވެސް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް އެމަސައްކަތަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އާ ކޮރޯނާވައިރަހަށް މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ބަލީގައި 286،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.