25 Dec 2011, 10:05
އެމްޑީޕީގެ އެކި މެންބަރުން، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ އެ މެންބަރުންނަށް ބަޔަކު ރިޝްވަތު ދީގެން ދައްކާ ވާހަކަތަކެއް ކަމަށް މޫސާ ތުހުމަތު ކުރައްވައިފި އެވެ.
ރޭ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އޭނާގެ ޒާތީ ދިރިއުޅުމާއި އަބުރަށް ބަޔަކު އަރައިގަންނަތާ ދޮޅުއަހަރެއްހާ ދުވަސްވެދާނެ ކަމަށާއި އޭނާ ނިސްބަތްވާ އެމްޑީޕީގެ ބައެއް މެންބަރުން އެފަދަ ވާހަކަތަކެއް ދައްކަނީ ރިޝްވަތުދީގެން ކަމަށެވެ.
"ގާތްގަނޑަކަށް ދޮޅު އަހަރު ވަނީ އަޅުގަނޑުގެ ޒާތީ ދިރިއުޅުމާއި އަޅުގަނޑުގެ އަބުރާއި އަޅުގަނޑުގެ އާއިލާއާ ބެހި، އެންމެ ފަހުން އައިސް، އަޅުގަނޑު ނުދަންނަވާނަން ކޮންމެވެސް ވަރެއް ދީގެންނޫނީޔަކާ ވަކި މީހަކު، އަޅުގަނޑުމެންގެ ވަރަށް ގާތް އަޚަކު އަޅުގަނޑޭ ކިޔައިގެން ވާހަކެއް ދައްކާނެ ކަމަށް،" މޫސާ މަނިކު ވިދާޅުވި އެވެ.
މޫސާ މަނިކު ވިދާޅުވީ އޭނަގެ އަބުރަށް ހުތުރުރުވާ ގޮތަށް ވާހަކަ ދައްކާ ހުރިހާ މީހުންގެ "އަނގަ ހައްދު ޖެހޭވަރަށް" އެމީހުންނާ ދޭތެރޭގައި ދައުވާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ދި ޓީވީ އާއި ވީޓީވީން ވެސް އޭނާގެ ޒާތީ ދިރިއުޅުމާ ބެހި ބިރުދައްކަމުން ގެންދާ ކަމަށާއި އެ ދެ ޗެނަލްތަކުގެ މައްޗަށް ވެސް ދައުވާ ކުރައްވާނެ ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑަކީ ކާރަށް އަރުވައިގެން ރާވިއްކާ މީހަކަށްވީ. ދެން ރައްޔިތުންގެ މަޖިލީސްގައި ގޮވީ ފިލްމު ކުޅޭ މަރިޔަމް ނިޝާ އާއި އަޅުގަނޑުގެ ނަހަލާލު ދަރިން ތިބި ވާހަކަ. ދެން އަޅުގަނޑުގެ ހަލާލުކަމާއި ނަހަލާލު ކަމާއި ދޭތެރޭގެ ވާހަކަ. ދެން ކިޔާނެ އެއްޗެއް ނުފެނި އޮއްވާ ދެން މިފެނުނީ ކުންފުނި މަސައްކަތް ކުރާތަން. ދެން ގޮވީ އެވާހަކަ،" މޫސަ ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: