ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، ރަށްރަށް ދުރުގައި އޮތް ނަމަވެސް މިހާރު މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރޯގާ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފެތުރުމަކީ މިއަދު ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް ފާހަގަވެވަޑައިގެންފައިވާ ކަމަށެވެ.

ސަރުކާރުންް ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ މީހުން ވަނީ އެދިފަ އެވެ.

ނަމަވެސް މާލޭގައި ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ބަލި ނެތް ރަށްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވާތީ، ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު ވަނީ ހަރުކަށިކޮށްފަ އެވެ.

އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި، "ސާޖެއް" އަންނާނެ ކަމަށް އަންދާޒާކުރެވިފައި ވާތީ، މިވަގުތު ރަށްރަށަށް މީހުން ގެންދިއުން އޮތީ މަޑުޖައްސާލައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ މިއަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތް ނަމަވެސް، ރަށްތަކުގެ މެދުގައި މުދަލާއި މީހުން އުފުލުމުގެ ކަންކަން އަބަދުވެސް ކުރިއަށް ދާ ކަމަށެވެ.

"މިއަދު އަޅުގަނޑަށް ދަންނަވަން ޖެހެނީ މި ރޯގާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެތުރުމަކީ ވަރަށް އެކަށީގެންވާ ކަމެކޭ...ރާއްޖޭގެ އެއް ރަށާ އަނެއް ރަށާ އެއީ ދުރުދުގައި ތިބޭ ތަނެއް ކަމަށް، ވަކިވަކިން އޮތް ތަންތަން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވިޔަސް ވެސް މި ދިވެހިރާއްޖެ އެއް ގައުމެއްގެ ގޮތުގައި ތުރާކުނުން ފެށިގެން އައްޑޫ މުއްޔާ ހަމައަށް މިއޮތީ ވަރަށް ދަތުރުކުރާތީ، އެއް ތަނުން އަނެއް ތަނަށް މީހުން ގޮސް އުޅޭތީވެ. އެހެންވީމަ އެއް ތަނެއްގައި ހުރި އެއްޗެއް އަބަދުވެސް އަނެއް ތަނަކަށް ފެތުރިގެން ދޭ. އެއީ ޒަމާނުއްސުރެ މި ދިވެހިރާއްޖޭގައި އެކަން ހިނގަމުން އަންނަ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ބަލިން ސަލާމަތްވެވޭނެ ގޮތްތަކާއި، އަދި ސަލާމަތި ފިޔަވަޅުތަކަށް ތައްޔާރުވެ ތިބުމަކީ ބުއްދިވެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ފުރަން ބޭނުންވެގެން އެދިފައި ވާއިރު، ކޮންމެހެން މަޖުބޫރުވެގެން ނޫނީ ރަށަށް ދާން އެޕްލައިި ނުކުރުމަށް ސަރުކާރުުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މި ދަނޑިވަޅުގައި ޗުއްޓީއަށް ރަށަށް ދާން ނޫޅުމަށާއި، ކޮންމެހެން ދާންޖެހޭ މީހުން ދިއުމަށް ފުރުސަތު ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ރަށްރަށަށް މިހުން ފޮނުވުމުގެ ކުރިން އެމީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ. އަދި އެކަމަށްޓަކައި މިހާރު ހުޅުމާލެއިން އިތުރު 500 ކޮޓަރި ހަމަޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން 897 މީހަކަށް ބަލި ޖެހިފައިވާކަން ދެނެގަނެވިފައި ވާއިރު، އޭގެ ތެރޭގައި މާލޭގެ އިތުރުން، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ޕޮޒިޓިވްވި މީހުން ވެސް ހިމެނެ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން މުޅިން ރަނގަޅުވެފައި ވަނީ 31 މީހެކެވެ. އަދި ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.