12 May 2020, 12:47
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކަމަށް ބުނެ ދެތިން ހަރުގެ އަޅާލަން 800 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރި ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ހުރިހާ ކަމަކަށް ޖުމްލަ 814 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އައްޑޫގައި ކޮވިޑަށް ޓެސްޓް ކުރެވޭގޮތް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ ދޭއް ނުވަތަ ތިން ހަރުގެއެއް އަޅާލަން 800 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
"މިއީ ވަކި ސަރުކާރެއް ކިޔާފައި މީގެން ބަރީއަތް ވެވޭނެ ކަމެއް ނޫން. މިމައްސަލަ ބަލަން ޖެހޭ. އެމްއެމްޕީއާރުސީ މައްސަލަވެސް ބަލަން ޖެހޭ. ހަރުގެ ތަކަކަށް 800 މިލިއަން ރުފިޔާ ހަރަދު ކުރި މައްސަލަވެސް ބަލަން ޖެހޭ." މެމްބަރު ސައީދު ވިދާޅުވި އެވެ.
ކޮވިޑް 19 އިގެ ހާލަތުގައި ސަރުކާރުގެ ބައެއް ވަޒީރުން އުޅެނީ ވެންޓިލޭޓަރުތަކެއްގެ ފަހަތުން ދުވަން ކަމަށް ސައީދު ވިދާޅުވި އެވެ.
"މިއޮއްފަދަ ރަމަޟާން މަހު ވެންޓިލޭޓަރުގެ ބޮޑު ހަނގުރާމައެއް ފެށިގެން ރާއްޖޭގެ ސިޔާސީ މާހައުލުގައި ހިމެނޭ ހުރިހާ ބޭފުޅުން ވެންޓިލޭޓަރެއްގެ ފަހަތުން ދުވާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ." ސައީދު ވިދާޅުވި އެވެ.
ޖުމްލަ 800 އެއްހާ މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަރުގެތަކެއް ސަރުކާރުން އެޅިކަމަށް ސައީދު ވިދާޅުވުމުން ކިނިބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ 814 މިލިއަން ރުފިޔާ ހަރުގެތަކަކަށް ހަރަދު ކުރީ ކަމަށް ކިޔައި ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ސައީދު ވާހަކަދެއްކި ކަމަށެވެ.
"އޭގެ ތަފްސީލަށް ބަލާއިރު 178 މިލިއަނަކީ ކެޕިޓަލް އިކިއުޕްމެންޓް. 398 މިލިއަން އެއީ ސަޕްލައިސްއާއި އިކުއިޓްއަށް. އަދި ގްރާންޓް އެންޑް ކޮންޓްރިބިއުޝަން އެންސްބްސިޑީސްއަށް 110 މިލިއަން. އެހެންވީމަ މިގޮތަށް މީގެ ހުރިހާ ތަފްސީލެއް އެބަހުރި އިނގޭތޯ. އެހެންވީމަ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅޭ ގޮތަށް އެހެން ވިދާޅުވާ ވިދާޅުވުން އެއީ ގޯހެއް ކަމަށް އަޅުގަނޑު ދެކެނީ." ނާޝިޒް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ހަތެއްގެ ނިޔަލަށް ސަރުކާރުން ކޮވިޑަށް ހޭދަކޮށްފައިވާ ފައިސާގެ އަދަދު 814.2 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެގޮތުން މިދިޔަ ހަފްތާއިން ކޮވިޑަށް ހޭދަކޮށްފައިވާ މިންވަރު ވަނީ އޭގެކުރީ ހަފްތާއާ އަޅާ ބަލާއިރު 22 ޕަސެންޓު އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ކޮވިޑަށް ކުރާ ހޭދައިގެ 91.5 ޕަސެންޓް ކޮންޓްރިބިއުޓް ކުރަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖެންމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީއިން ކަމަށެވެ.
އެގޮތުން މިހާރު ހޭދަކޮށްފައިވާ ފައިސާގެ ތެރެއިން އެންމެ ގިނަ ހަރަދެއް ކޮށްފައިވަނީ އެންޑީއެމްއޭ އިންނެވެ. އެ އޮތޯރިޓީއިން މިހާތަނަށް 525.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހެލްތު މިނިސްޓްރީއިން ހޭދަކޮށްފައިވަނީ 135.7 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ގިނައިން ހޭދަކޮށްފައިވަނީ ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީއިންނެވެ. އެ މިނިސްޓްރީއިން ވަނީ 27.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.