12 May 2020, 12:25
ވޮޝިންޓަން (މެއި 12): އެމެރިކާގެ ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ޒުވާބު ކުރެއްވުމަށް ފަހު އެ ބައްދަލުވުން ކުއްލި ގޮތަކަށް ނިންމަވާލައްވައިފި އެވެ.
މިދިޔަ މަހުގެ 27ގެ ފަހުން ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޕްރެސް ކޮންފަރެންސް އިއްޔެ ބޭއްވީ ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގައި މިހާރު އެންމެ ކުރީގައި އުޅެނީ އެމެރިކާ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން ސީބީއެސްގެ ރިޕޯޓަރު ވީޖާ ޖަންގް ވަނީ ވައިރަހަށް ޓެސްޓު ކުރުމަކީ މުބާރާތެއްގެ ގޮތުގައި ޓްރަމްޕް ދެކިލައްވަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ.
"ކޮންމެ ދުވަހަކު ވެސް އެމެރިކާގެ އެތައް ބަޔަކު މަރުވަމުންދާ އިރު އަދި ކޮންމެ ދުވަހަކު އިތުރު ކޭސްތައް ފެންނަމުންދާ އިރު ޓެސްޓު ކުރުމަކީ ދުނިޔޭގެ މުބާރާތަކަށް ވަނީ ކީއްވެގެންތޯ؟" ޖަންގް ސުވާލު ކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ ވައިރަހުގެ ސަބަބުން މުޅި ދުނިޔެއިން ވެސް މީހުން މަރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސުވާލު ޗައިނާއާ ކުރަން އަންގަވައިފަ އެވެ.

ސީބީއެސްގެ ރިޕޯޓަރު ވީޖާ ޖަންގް (ވ) އަދީ ސީއެންއެންގެ ރިޕޯޓަރު ކެއިޓްލަން ކޮލިންސް -- ފޮޓޯ: ރޮއިޓާސް
"މުޅި ދުނިޔެއިން ވެސް މީހުން ދަނީ މަރުވަމުން. އަޅުގަނޑަށް ހީވަނީ ތިޔަ ސުވާލު ކުރަންވީ ޗައިނާއާ ހެން. އަޅުގަނޑާ ކުރާނެ ކަމެއް ނެތް. ޗައިނާ ކައިރީ އަހާ. ޗައިނާއާ ސުވާލު ކުރުމުން ވަރަށް އާދަޔާ ހިލާފު ޖަވާބެއް ލިބިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެއަށް ފަހު ޓްރަމްޕް ސުވާލު ކުރަން ފުރުސަތު ދެއްވީ ސީއެންއެންގެ ރިޕޯޓަރު ކެއިޓްލަން ކޮލިންސްއަށެވެ. ނަމަވެސް އޭނާ ޖަންގްއަށް ފުރަތަމަ ފުރުސަތު ދިނެވެ. އަދި ޓްރަމްޕް ޗައިނާއާ ގުޅުވާފައި ޖަންގްއަށް ހާއްސަކޮށް ޖަވާބެއް ދެއްވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރި އެވެ.
ޖަންގް އުފަންވީ ޗައިނާގައި ކަމަށްވީ ނަމަވެސް އޭނާގެ އާއިލާއިން ވަނީ އޭނާގެ އުމުރުން ދެ އަހަރުގައި އެމެރިކާއަށް ހިޖުރަކޮށްފަ އެވެ.
އެއަށް ފަހު ޓްރަމްޕް ވަނީ އޭނާ އެ ޖަވާބު ދެއްވީ ވަކި ޖަންގްއަށް ހާއްސަކޮށް ނޫން ކަމަށާއި އެފަދަ ސުވާލެއް ކުރާ އެންމެންނަށްވެސް ދޭނީ އެ ޖަވާބު ކަމަށް ވިދާޅުވެފަ އެވެ. އަދި ސީއެންއެންގެ ރިޕޯޓަރަށް ފުރަތަމަ ދިން ފުރުސަތު ބޭނުން ނުކުރުމުން، އޭނާއަށް ދެން ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޮލިންސް އަނެއްކާވެސް ސުވާލު ކުރަން މަސައްކަތް ކުރުމުން ޓްރަމްޕް އެންމެންނަށް ޝުކުރު އަދާ ކުރެއްވުމަށް ފަހު ޕޯޑިއަމް ދޫކުރައްވާ ވަޑައިގެންނެވި އެވެ.
އޭގެ ސަބަބުން ޓްރަމްޕް އަމަލު ކުރެއްވި ގޮތަށް ފާޑު ކިޔަމުން ބައެއް ފަރާތްތަކުން ވަނީ އެއީ ނަސްލީ ގޮތުންނާއި ޖިންސުގެ ގޮތުން ތަފާތުކޮށް ޓްރަމްޕް ދެއްކެވި ވާހަކައިގެ ގޮތުގައި ސިފަކޮށްފަ އެވެ.
އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.3 މިލިއަން ހުރަސްކޮށް، ބަލީގައި 80،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާއިން ހަދާފައިވާ ޓެސްޓުތަކުގެ އަދަދު މި ހަފްތާ ތެރޭ 10 މިލިއަނަށް އަރާނެ އެވެ. އަދި އެއީ ކޮންމެ ބޮލަކަށް ޖެހޭ އަދަދުން ދެކުނު ކޮރެއާ ފަދަ ގައުމުތަކާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ ދެކުނު ކޮރެއާއިން ދުރާލާ ފުޅާ ދާއިރާއެއްގައި ޓެސްޓުކޮށް، އަވަހަށް ގުދު ފަތި ކުރުމުން ޖުމްލަކޮށް އެހާވަރަށް ޓެސްޓު ކުރަން ނުޖެހުނީކަން ފާހަގަކޮށްފަ އެވެ.