އއ. ވެލިދޫ ކަރަންޓީނު ފެސިލިޓީގައި ޖިނާއީ އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިންގައިގެން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށް ފުލުހުން ބުނެފިއެވެ.

ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް ކޮމާންޑަރާއި، އެ ފެސިލިޓީގެ އަންހެން ޑޮކްޓަރަކު ދަންވަރު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ރޭ ވަނީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައެވެ.

ހަބަރުުތައް ބުނެފައި ވަނީ އެ މައްސަލަ ފެންމަތިވީ، ކޮމާންޑަރުގެ ކޮޓަރިން، އަންހެން ޑޮކްޓަރު ނުކުންނަނިކޮށް، އެ ފެސިލިޓީގެ ސެކިއުރިޓީއަށް ފެނިގެން ކަމަށެވެ. އަދި މިހާރު ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

"އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، އަދި ޖިންްސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށަހެޅިފައެއް ނުވޭ. އަދި ފުލުހުން އެފަދަ ކަމެއް ތަހުގީގު ކުރަމުން ނުދޭ،" އިޒްމިއާ ވިދާޅުވިއެވެ.

ވެލިދޫގައި އެކަހެރިކުރަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނެވެ. އަދި އެ ފެސިލިޓީގައި ތިބޭ މީހުން ކޮޓަރިއަށް ގޮސް ބައްދަލުކުރުން މަނާވާނެއެވެ.