25 Dec 2011, 09:25
އެމްޑީޕީ އިން އިއްޔެ ރޭ ބޭއްވި މުޒާހަރާގައި ސިޔާސީ އިސް ފަރާތްތައް ދަންޖައްސައި މަރަންގޮވާފައި ވަނިކޮށް ރައީސް މުހައްމަދު ނަޝީދު އެއްޗެއް ވިދާޅުނުވާތީ އެކަން ޖުމުހުރީ ޕާޓީން ކުށްވެރިކޮށްފި އެވެ.
ވީޓީވީގެ ސްޓޫޑިއޯގައި ރޭ ބޭއްވި ނޫސް ވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުއާދު ގާސިމް ވިދާޅުވީ އިސްލާމް ދީނާއި ދެކޮޅަށް ފުރައްސާރަ ކުރާ ފަރާތްތައް މެރުމަށް ވެބްސައިޓެއްގައި ގޮވާލިކަމަށް ބުނެ ރައީސް އެކަން ކުށްވެރިކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އިސް ވެރިން އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނާއި ސިޔާސީ ފަރާތްތައް މަރަން ގޮވުމާ އެކު އެކަން ރައީސް ނަޝީދު ކުށްވެރިނުކުރުމުން އެކަމާ ސުވާލު އުފެދޭ ކަމަށާއި އެއް މިންގަނޑަކުން ދިވެހި ރައްޔިތުންނާ މެދު ރައީސް އަމަލުކޮށް އެމްޑީޕީން އިއްޔެރޭ ހިންގި ކަންތައް ކުށްވެރިކުރުމަށް ޖުމުހުރީ ޕާޓީން ވަނީ ރައީސަށް ގޮވާލަފަ އެވެ.
"އަޅުގަނޑުމެން ހައިރާންވާ ކަމަކީ ވެބްސައިޓެއްގައި ލިޔެފައި އޮތް އެއްޗެކާއި ދެކޮޅަށް ރައީސް ވާހަކަ ދެއްކެވި އިރު އެމްޑީޕީގެ ޗެއާޕާސަން އާއި އެ ޕާޓީގެ ޕާލިމެންޓް މެންބަރުން ފާޅުގައި އެމްއެންބީސިން ލައިވްކޮށް ދެއްކި އެމްޑީޕީގެ މުޒަހަރާގައި މީހުން މެރުމަށާއި ދަންޖައްސަން ގޮވާލި އިރު އެމަނިކުފާނު ކަންބޮޑު ނުވެ އެކަމާ އެއްޗެއް ވިދާޅުނުވާތީ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް އަޑުއުފުލި ބަޔަކު ސަލާމަތްކުރަން ރައީސް މަސައްކަތްޕުޅު ކުރެއްވި އިރު އިސްލާމް ދީން ހިމާޔަތް ކުރަން މަސައްކަތް ކުރެއްވި މީހުންގެ ހައްގުގެ ދިފާއުގައި އެއްޗެއް ވިދާޅުނުވީ މި ގައުމުގައި ދީނާއި ހިލާފް ކަންތައްކުރާ މީހުން ކޮންމެ ކަމެއް ކުރިޔަސް އެމީހުންދިފާއު ކުރުމަށް ކުރި މަސައްކަތެއް ކަމަށް ޖުމުހުރީ ޕާޓީން ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމުހުރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އަށް ބިރު ދައްކައި އޭނާގެ މުދާތައް ނަގައި އޭނާގެ އެކައުންޓްތައް ބަންދުކުރަން އެމްޑީޕީގެ ހަރުގޭގައި ބޭއްވި މުޒާހަރާގައި ގޮވި ކަމަށް ބުނެ އެކަން ޖުމުހުރީ ޕާޓިން ކުށްވެރިކޮށް ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.