ކޮވިޑް-19 ގެ ބައެއް ޓެސްޓުތަކުން "ފޯލްސް ޕޮޒިޓިވް" ނަތީޖާތައް ލިބެނީ، ސާމްޕަލްތައް ޕްރޮސެސް ކުރުމުގައި ކްރޮސްކޮންޓެމިނޭޝަންގެ މައްސަލަ ދިމާވާތީ ކަަމަށާއި އެއީ ނާދިރު ކަމެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ކްރޮސްކޮންޓެމިނޭޝަނަކީ ޓެސްޓް ހަދާ ވަގުތު މެޝިނުގެ ތެރޭގައި ވައި ދައުރުވުމުގެ ސަބަބުން އެއް ސާމްޕަލެއް ނޫނީ ސާމްޕަލްތަކެއް ތަޣައްޔަރު ވުމެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން މީހެއްގެ ސާމްޕަލްގެ ނަތީޖާ ވަނީ ފަހުން ބަދަލުވެފަ އެވެ.

ކޮރޯނާވައިރަހަަށް ޕޮޒިޓިވްވީ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ހއ. ތަކަންދޫއިން ސާމްޕަލް ނެގި ފަސް އަހަރުގެ ކުއްޖެއްގެ ފުރަތަމަ ސާމްޕަލް ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ދެން ހެދި ޓެސްޓު ވަނީ ވައިރަހަށް ނެގެޓިވް ވެފަ އެވެ. ޔަގީން ކުރަން ތިން ވަނަ ފަހަރަށް ހެދި ޓެސްޓުގެ ނަތީޖާ ވެސް ލިބުނީ ނެގެޓިވް ކޮށެވެ.

އޭގެ ފަހުން ނ. މަނަދޫއަށް ނިސްބަތްވާ 83 އަހަރުގެ މީހަކުވެސް ފުރަތަމަ ހެދި ޓެސްޓުން ޕޮޒިޓިވްވި އެވެ. އެކަމަކު ދެވަނަ ޓެސްޓުން ވީ ނެގެޓިވް އެވެ. ޔަގީން ކުރަން ތިން ވަނަ ޓެސްޓް ހެދުމުން ލިބުނީ ޕޮޒިޓިވް ނަތީޖާ އެކެވެ.

މިދިޔަ ހުކުރު ދުވަހު އައްޑޫއިން މާލެ ފޮނުވި ބަލިމީހަކު ވެސް އައިޖީއެމްއެޗަށް ގެނެސް ހެދި ފުރަތަމަ ޓެސްޓުން ޕޮޒިޓިވް ވިއެވެ. ނަމަވެސް ދެވަނަ ޓެސްޓުން އޭނާ ބައްޔަށް ނެގެޓިވްވެ، އިތުރަށް ބެލި ބެލުންތަކަށް ފަހު، އޭނާ އަކީ ބަލި ނެތް މީހެއް ކަމަށް ވަނީ ނިންމައިފައެވެ.

ޓެސްޓުގެ ނަތީޖާތައް މިގޮތަށް ބަދަލުވާތީ، ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ "ފޯލްސް ޕޮޒިޓިވް" އަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި، އެހެން ނަމަވެސް އެހެން ދިމާވަނީ ކްރޮސް ކޮންޓެމިނޭޝަންގެ ސަބަބުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ

"ފޯލްސް ޕޮޒިޓިވް އަކީ ފުރަތަމަ ކަމަކަށް ވަރަށް އަންލައިކްލީ ސިނާރިއޯއެއް. އެކަމު އެ ހިނގާނީ މި ބުނާހެން ކްރޮސް ކޮންޓެމިނޭޝަނެއް ހިނގައިގެން. އެހެންވީމަ އެކަހަލަ ކަމަކީ އެހާ ގިނައިން ރިޕީޓްވާ ކަހަލަ ކަންކަމެއް ނޫން. އެއީ ހަމަ ހާލަކުން ފަހަރަކު ދިމާވާ ކަމެއް ފޯލްޒް ޕޮސިޓިވް އައުމަކީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ގިނަ ފަހަރަށް ސާމްޕަލްތައް ޕްރޮސެސް ކުރާނީ ބެޗެއްގެ ގޮތުގައި ކަމަށާއި، އަދި ކްރޮސް ކޮންޓެމިނޭޝަން އެއް ދިމާވަނީ އެގޮތަށް ޕްރޮސެސް ކުރުމުގެ ތެރެއިން ކަމަށެވެ.

އެކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީން ވެސް މައުލޫމާތު އޮޅުން ފިލުވާލާފައިިވާނެ ކަމަށާއި، ލެބޯޓްރީން ވެސް އެކަމަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ޕްރޮސެސްގެ ތެރެއިން "ހިއުމަން އެރާ" އެއް އެރުމަކީ ވެސް ވާނެ ކަމެއް ކަމަށާއި، އެއީ ޓެސްޓިންގައި އުޅޭ މައްސަލައެއް ނޫން ކަމަށެވެ.

"އޭގެ އެންމެ ލައިކްލީ ސިނާރިއޯ އަކީ ސާމްޕަލް ޕްރޮސެސް ވެގެންދާ ކޮންމެސް ލެވެލްއެއްގައި ކްރޮސްކޮންޓެމިނޭޝަނެއް އައިސް މިވަނީ،" ޑރ. ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ދެތިން ޓެސްޓުގެ ނަތީޖާ ފޯލްސް ޕޮޒިޓިވް ވުމަކީ ލެބޯޓްރީއެއްގެ ފެންވަރާ މެދު ސުވާލު އުފަައްދަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ލެބޯޓްރީގެ ފެންވަރާ މެދު ސުވާލު އުފައްދާ، އެކަން ބަލާނީ ވަކި ވަރަކަށް ވުރެ ގިނައިން ފޯލްސް ޕޮޒިޓިވް އަންނަ ކަމުގައި ވާނަމަ އަންނަ ކަމަށް ވިދާޅުވި އެވެ.

ހަމައެއާއެކު އައިޖީއެމްއެޗްގެ ލެބޯޓްރީގަައި ސާމްޕަލްތައް ޓެސްޓު ކުރަނީ ވަރަށް މަތީ ސްޓެންޑާޑުގައި ކަަމަށާއި، ފެންވަރު ބެލުމުގެ ޓެސްޓުތަކުން ވެސް އައިޖީއެމްއެޗް ވަރަށް މަތިން މާކްސް ހޯދާފައިވާ ކަމަށެވެ.

"ފާހަގަކޮށްލަން ބައެއް ކަހަލަ ޓެސްޓުތަކުގައި ޕާފެކްޓް ސްކޯވެސް ލިބިފައި އެބަހުރި،" ޑޮކްޓަރު ވިދާޅުވިއެވެ.