ކުރިން އުންމީދުކުރި ވަރަށް ވުރެ، ރާއްޖޭގައި ކޮވިޑް19 ޖެހޭ މީހުން ބަލިން ރަނގަޅުވާ ނިސްބަތް، ނުވަތަ ރިކަވަރީ ރޭޓް ދަށް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ރިކަވަރީ ރޭޓާ މެދު ސީދާ އެއްޗެއް ބުނަން އެނގޭނީ އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ.

"އެކަމަކު މިހާރު ފެންނަގޮތުން، އަޅުގަނޑުމެންގެ ރިކަވަރީ ރޭޓްގައި އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށް ވަނީ ރިކަވާ ވާން. ޑެފިނިޓިވް ޖަވާބެއް ދެވޭނީ އެސެސްމަންޓަކަށް ފަހު،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 897 މީހަކަށް ބަލި ޖެހިފައިވާކަން ދެނެގަނެވިފައި ވާއިރު، އޭގެ ތެރެއިން ބަލިން މުޅިން ރަނގަޅުވެފައި ވަނީ 31 މީހެކެވެ. އެއާ އެކު ރާއްޖޭގެ ރިކަވަރީ ރޭޓް މިވަގުތު ހުރީ 3.5 ގައެވެ.

މިވަގުތު ރާއްޖެއިން ކޮވިޑް19 ޖެހުނު 13 މީހަކު އެޑްމިޓްކޮށް ފަރުުވާދެމުން އަންނަ އިރު، ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.