12 May 2020, 13:21
"ދެން ޔަސްރިބަށް ދާ އެންމެ ފުރަތަމަ ވިޔަފާރި ގާފިލާއާ އެކު އެ ރަށަށް ދޭ. އަދި ގޮސް ކަޢުބު ބްނު މާލިކާ ބައްދަލު ކުރޭ." މުސްލިމުންނާ އިދިކޮޅު ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"އަޅުގަނޑު ކަޢުބު ބްނު މާލިކް ގާތުގައި ބުނާން ވީ ކީކޭ ތޯ؟" އަސަދު އެހިއެވެ.
"އޭނާ ގާތު އެއްވެސް އެއްޗެކޭ ބުނާނެ ކަމެއް ނެތް." ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
"ދެން ކީއް ތޯ ކުރާން ވީ؟" އަސަދު އެހިއެވެ.
"ކުރާން ވީ ކޮންް ކަމެއް ކަން، އެ ކަމުގެ ވަގުތު އައިސް ޖެހުނީމާ ކަލެއަށް އެނގޭނެ. ދެން ފެން ބޮއި!" ލަޝްކަރުގެ ވެރިޔާ ބުންޏެވެ.
*****
ފަތިސް ނަމާދުކޮށްގެން ގޮނޑިއެއް ހިފައިގެން ބޭރަށް ނުކުމެ މެދުގޯތީގައި ގޮނޑި އަޅައިގެން ކަޢުބު އިށީނެވެ. އަދި މަޑުމަޑު އަޑަކުން ﷲ އަށް ދުޢާ ދަންނަވާން ފެށިއެވެ.
"މިއަޅާ ހައްދަވައި ބޮޑު ކުރެއްވި އިލާހު! މިއަޅާގެ ހުރިހައި ކަމެއް އިބަ އިލާހު މޮޅަށް ދެނެވޮޑިގެން ވޭ. ބިމުގެ އެއްވެސް ކަމެއް އަދި އުޑުގެ އެއްވެސް ކަމެއް ވިޔަސް އިބަ އިލާހަށް ވަންހަނާ ވެގެންނެއް ނުވޭ."
"އައްސަލާމު ޢަލައިކުމް ޥަރަޙްމަތު ﷲ ޥަބަރަކާތުހޫ." މީހަކު އައިސް ކަޢުބަށް ސަލާމް ގޮވައިލިއެެވެ.
"ޥަޢަލައިކައްސަލާމު. ތިޔައީ ކާކު؟" ސަލާމް ބަލައިގަންނަމުން ކަޢުބު ސުވާލު ކުރިއެވެ.
"އަހަންނަކީ ތިބާގެ ރީތި ޅެންތަކުގެ އާޝިގުންގެ ތެރެއިން ވާ މީހެއް." ބޭރުން އައި މީހާ ބުންޏެވެ.
"އަހަރެންގެ...؟" ކަޢުބު ސުވާލު ކުރިއެވެ.
"ތިޔައީ މަޝްހޫރު ޝާއިރު ކަޢުބު ބްނު މާލިކެއް ނޫން ތަ؟ ޅެންވެރީންގެ ސާހިބާ އަދި އެމީހުންގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ވިދައި ބަބުޅާ ތަރި." ބޭރުން އައި މީހާ ބުންޏެވެ.
"ﷲ މިއަޅާ ރައްކާތެރިި ކުރައްވާށި! ސާހިބުވަންތައީ ހަމައެކަނި އެއިލާހު. އަދި މަތިވެރިވަންތައީ ވެސް ހަމައެކަނި އެއިލާހު ތަބާރަކަ ޥަތަޢާލާ." ކަޢުބު ބުންޏެވެ.
"ތިބާގެ ގަސީދާއެއް ކަމުގައި ވާ 'ޔާ ހާޝިމަން' މިއީ އަހަންނަށް ވަރަށް ކަމު ދިޔަ ގަސީދާއެއް." ކަޢުބުގެ ވާހަކަތަކަށް ރައްދު ދިނުމެއް ނެތި ބޭރުން އައި މީހާ ބުންޏެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިބާގެ ހާޖަތަކީ ކޮބާ؟" ކަޢުބު ޝުކުރިއްޔާ ބުނެފައި ސުވާލު ކުރިއެވެ.
"އަހަރެން މި އައީ ތިބާއަށް އޮތް ސިޓީއެއް ހިފައިގެން." ބޭރުން އައި މީހާ ބުންޏެވެ.
"ސިޓީއެކޭ..؟!! އަހަންނަށް އޮތް..؟!! ރަނުން ޖަރީ ކޮށްފައި ވާ އުރައެއްގައި..؟!!" ކަޢުބު ހައިރާންކަމާ އެކު ސުވާލު ކުރަމުން ދިޔައެވެ.
"މިއީ ބޮޑު ރަސްކަލަކު ބޮޑު ޅެންވެރިއަކަށް ފޮނުއްވި ވަރަށް ކުޑަކުޑަ އެއްޗެއް." ބޭރުން އައި މީހާ ބުންޏެވެ.
"ތިބާ މި ތަނަށް ފޮނުވީ ކާކު؟" ކަޢުބު ސުވާލު ކުރިއެވެ.
"މަލިކު ޣައްސާން. ސީދާ އެރަސްގެފާނު އަމިއްލަފުޅަށް." ބޭރުން އައި މީހާ ބުންޏެވެ.
"ރޫމީންގެ މަލިކު ޣައްސާނޭ..؟!! އެރަސްގެފާނު އަހަރެންގެ ކިބައިން ބޭނުންފުޅު ވަނީ ކޮން ކަމެއް؟" ކަޢުބު ހައިރާންކަމާ އެކު ސުވާލު ކުރިއެވެ.
"އަމިއްލައަށް ސިޓީގައި ވާ އެއްޗެއް ބައްލަވާ! އޭރުން އެނގި ލައްވާނެ." ބޭރުން އައި މީހާ ކަޢުބުގެ އަތަށް ސިޓީ ދިއް ކޮށް ލަމުން ބުންޏެވެ.
އުރައިގެ ތެރެއިން ސިޓީ ނެގުމަށް ފަހު ކަޢުބު އެ ސިޓީ ކިޔާން ފެށިއެވެ.
"މަލިކު ޣައްސާނުގެ ފަރާތުން މަޝްހޫރު ޝާއިރު ކަޢުބު ބްނު މާލިކަށް، ތިބާގެ ސާހިބާ ތިބާ ދޫ ކޮށް ލައްވައިފި ޚަބަރު އަހަރެެމެން އަހައިފީމުއެވެ. އަހަރެމެންނާ ގުޅި ލައްވާށެވެ. އަހަރެމެން ތިބާއަށް އެހީތެރި ވާނޫއެވެ. އަދި ތިބާއަށް މާތްކޮށް ހިތާހުށީމެވެ. ދެ ފަރާތަށް މެ ލާބަ ހުރި ޖަވާބެއްގެ އިންތިިޒާރުގައި ހުރީމެވެ."
"ތިބާގެ ރައުޔަކީ ކޮބާ؟" ކަޢުބު ސިޓީ ކިޔައި ނިމުމުން މަލިކު ޣައްސާނުގެ ގާސިދު ބުންޏެވެ.
އެއަށް ޖަވާބު ދިނުމެއް ނެތި ކަޢުބު އޭނާގެ އަންހެނުންނަށް ގޮވައި ލިއެވެ.
"ޙައްޥާ! ތެލީގެ ދަށުގައި އަލިފާން ރޯ ކުރޭ!"
"އަހަންނަށް ދޭން ކައްކާނެ ކަމެއް ނެތް. އަހަރެން މި ވަގުތު އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނޫން. ޝުކުރިއްޔާ!" މަލިކު ޣައްސާނުގެ ގާސިދު ބުންޏެވެ.
"މެހުމާނަކު އައީ ތޯ؟" ކަޢުބުގެ އަންހެނުން އެ ވަގުތު އެ ތަނަށް ނުކުމެ އެހިއެވެ.
"އަލިފާން ރޯ ކުރޭ!" ކަޢުބު އޭނާގެ އަންހެނުންގެ ސުވާލަށް ވެސް އަދި މަލިކު ޣައްސާނުގެ ގާސިދުގެ ވާހަކައަށް ވެސް ޖަވާބު ދިނުމެއް ނެތި ބުންޏެވެ.
*****
"ކާފާ! ކީއް ވެގެން ތޯ މަލިކު ޣައްސާނުގެ ގާސިދަށް ވެސް އަދި ޙައްޥާއަށް ވެސް ޖަވާބު ދިނުމެއް ނެތި އަލިފާން ރޯ ކުރާން ކަޢުބު ބުނީ." އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.
"އެއީ އެ މީހާ އެ އަލިފާންްގަނޑަށް އެއްލައި ލާން ވެގެން ތޯ؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"މަންމައަށް ޔަގީން އެހެންް ނޫން ކަން. މީސްމީހުން އަލިފާނަށް ލައި އެންދުުމަކީ މުސްލިމުންގެ އިންސާނިއްޔަތުކަމާ ޚިލާފު ކަމެއް." ސަލްމާ ވިދާޅުވިއެވެ.
"އެހެންވެއްޖެއްޔާ އެއީ އެ މެހުމާނާއަށް ކާން ދިނުމުގެ ގޮތުން ކެއްކުމަށް." އަމީރާ ޞަފާ ވިދާޅުވިއެވެ.
"އެއަށް ފަހު މަލިކު ޣައްސާނުގެ ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކޮށް ދިނުމަށް އެއްބަސް ވީ..؟!!" އަމީރު މުޙައްމަދު ސުވާލުގެ ރާގެއްގައި އެއްސެވިއެވެ.
"ދަރިފުޅުމެންނޭ! ހަގީގަތް އެނގި ބަޔާން ވުމުގެ ކުރީން ހުކުމް އިއްވުމަށް އަވަސް ވެ ނުގަނޭ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ކޮބައި ތޯ ހަގީގަތަކީ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.
"ކަޢުބު ބްނު މާލިކު ހެދީ ކިހިނެއް؟" އަމީރާ ޞަފާ ވެސް ވާހަކައިގައި ދެން ވީ ގޮތް އެނގިވަޑައި ގަތުމުގެ ޝައުގުވެރިކަމާ އެކު އެއްސެވިއެވެ.
"އަދިވެސް މި ވާހަކަ ނުއެއް ނިމޭ. އަދި ވާހަކަ ހުއްޓާލާފައި އަރާމު ކުރާން ދިއުމުގެ ވަގުތު ޖެހިއްޖެ. ދެން އޮތް ބައި ކިޔާނީ ފަހުން." ގާޒީ ޞަފިިއްޔުއްދީނު ވިދާޅުވިއެވެ.
"މި ވަގުތު ދެން ވާހަކަ ނިމޭން ދެން މަޑު ކުރައްވާން ވީ ނޫން ތޯ ވާހަކަ ކިޔައި ދެއްވާން." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"ދަރިފުޅާ! ކޮންމެ ކަމަކަށް ވެސް ވަގުތުގެ ތެރެއިން ހައްގު ވަނީ ވަކި މިންވަރެއް. އެއަށް ވުރެ ގިނަ ވަގުތު ދީފި ނަމަ، އެހެން ކަމެއްގެ ހައްގަށް އުނިކަން އަންނާނެ. ކޮންމެ ކަމަކަށް ވެސް އިންސާފުވެރިކަމާ އެކު ވަގުތު ކަނޑައަޅައި، އެ ނިންމުމަށް އިހުތިރާމު ކުރުމާ އެކު ވަގުތުތައް ހަމަ ޖެއްސުމަކީ ތަހުޒީބު އިންސާނަކަށް މުހިއްމު ކަމެއް. ކަންކަން ކުރާން ޖެހޭނީ ކުރީން ރާވާފައި ވާ ގޮތަށް. އެހެން ނޫނީ ގިނަ ފަހަރު ޖެހޭނީ ނާކާމިޔާބީއާ ކުރިމަތި ލާން. ކާމިޔާބު މީހުންނަކީ ވަގުތުތައް ބަހާލައިގެން ކޮންމެ ކަމަކަށް ވެސް ކަނޑައެޅި ވަގުތު އެ ކަމަކަށް ދީގެން ކުރިޔަށް ދާ މީހުން. ދެން ވާހަކަ ކިޔައި ދޭ ގަޑީގެ ކުރީން ވަރަށް ފުރިހަމަ ހަދިޔާއެއް ވެސް އޮންނާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެއީ ކޮން ހަދިޔާއެއް ތޯ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެެވެ.
"މި ވަގުތު ބުނެފިނަމަ ހަދިޔާ ލިބޭ ވަގުތުގެ ލައްޒަތު ގެއްލޭނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ދެން ވާހަކަ ކިޔައި ދެއްވާ ގަޑީގައި އެ ވާހަކަ ނިމޭން ދެން ވިދާޅު ވެ ދެއްވާން ވެސް ވާނެ." ސަލްމާ ވިދާޅުވިއެވެ.
"އިންޝާ ﷲ! ދުޅަހެޔޮކަމާ އެކު ބައްދަލު ވުމުގެ އުއްމީދުގައި ވަކި ވެ ލަން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
*****
"ބާއްޖަވެރި ހެނދުނެއް ކާފާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"އުޖާލާ ހެނދުނެއް. ދަރިފުޅުމެންނޭ!" ގާޒީ ޞަފިއްޔުއްދީީނު ޖަވާބުގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ތިބީ އެންމެ ރީތި ހެދުން ލައިގެން. ހަދިޔާ ލިބި ގަތުމަށް ތައްޔާރު ވެގެން." އަމީރާ ޞަފާ ވިދާޅުވިއެވެ.
"އެކަމަކު ތިޔަ ހެދުންތައް އެ ކަމަކަށް މުނާސިބު ވެގެންނެއް ނުވޭ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އެ ހެދުންތަކުގައި އައިބެއް ހުރީ ތޯ؟" ސަލްމާ އެއްސެވިއެވެ.
"ބައްޕަ ތިޔަ ކުދީންނަށް ދޭ ހަދިޔާއަކީ ކޯރުގައި ކިޝްތީ ދުއްވާލަން ދިއުމުގެ ދަތުރެއް. އެ ދަތުރު ދިއުމަށް ތިޔަ ހެދުންތައް މުނާާސިބެއް ނޫނެއް ނު؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ވޯއު. ބައްޕާ ތިޔަ ދަތުރު ދާ ހިތް ވަރަށް ބޮޑަށް އެބަ ވޭ." ސަލްމާ ވިދާޅުވިއެވެ.
"އެ ދަތުރުގައި އެއްވެސް ކަހަލަ ނުރައްކަލެއް އޮންނާނެ ތޯ މަންމާ. އުސް ރާޅުތައް ދެކެ އަޅުގަނޑު ވަރަށް ބިރު ގަނޭ." އަމީރާ ޞަފާ ވިދާޅުވިއެވެ.
"އުސް ރާޅުތައް ހުންނަނީ ކަނޑުގައި. ކޯރަކު ނޫން." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"މީގެ ކުރީން ބައްޕައާ އެކު ކޯރުގައި ކިޝްތީ ދުއްވާލަން ދެވުނު ދަތުރުތަކަކީ ވެސް އުފާވެރި ދަތުރުުތަކެއް." ސަލްމާ ވިދާޅުވިއެވެ.
"ދަރިފުޅާ! ހަނދާން ވޭ ތަ؟ އެއް ފަހަރަކު އަހަރެމެން ދިޔަ ދަތުރެއްގައި ދަރިފުޅު ނުފެނިގެން ހޯދަމުން ގޮސް އެންމެ ފަހުން ފުލުހުންގެ ވެރިޔާ ވަޑައިގެން އޭނާއަށް ދަރިފުޅު ފެނުނީ. ދަރިފުޅު އޮތީ ކޯރުގެ ކައިރީގައި ހުރިި ހިޔާ ބޮޑު ގަހެއްގެ ދޮށުގައި ސަޖާގަނޑެއް ފަތުރައިގެން އޭގެ މަތީގައި އޮށޯވެގެން. އަދި ގައިގައި ފޮތިގަނޑެއް އަޅައިގެން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އާދެ! ފުލުހުންގެ ވެރިޔާއަށް އަޅުގަނޑު ފެނުމުން އަޑުގެ ކޮޅަށް ގޮވަމުން ދިޔައީ. ފެނިއްޖެއޭ، ފެނިއްޖެއޭ ކިޔާފަ." ސަލްމާ ހަނދާންތައް އާ ކުރައްވަމުން ވިދާޅުވިއެވެ.
*****
"ކީއްވެ ލަސް ވީ. ފުލުހުންގެެ ވެރިޔާ!" ވަޒީރު އަސްރާން އެއްސެވިއެވެ.
"މަނިކުފާނު އަޅުގަނޑަށް ވިދާޅު ވި ކަން އަޅުގަނޑަށް އެނގުމާ އެކު ލަސް ކުރުމެއް ނެތި އަޅުގަނޑު މި އައީ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"ހިނގާ! އެތެރެޔަށް. މުހިއްމު ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާން." ވަޒީރު ވިދާޅުވިއެވެ. އަދި އެތެރެއަށް ވަންނަވަމުން ވާހަކަ ކުރިޔަށް ގެންދެވިއެވެ. "ޙަލަބުގެ އިމާރިއްޔާއިން ސިޓީއެއް އަތުވެއްޖެ. ޚަލީފާއާއި ވަލީ އަހުދު މި ކޮޅަށް ވަޑައިގަންނަވާ މައުކިބު ދަތުރަށް ފަށައިފި ކަމުގެ ޚަބަރު އޭގައި ވޭ."
"ކީއްވެގެން ބާ އެބޭފުޅުން އެހާ އަވަހަށް އެނބުރި މި ކޮޅަށް ވަޑައި ގަންނަވަނީ؟" ފުލުހުންގެ ވެރިޔާ އެއްސެވިއެވެ.
"އަހަންނަކަށް ނޭނގޭ." ފަރުވާ ކުޑަ ރާގެއްގައި ވަޒީރު އަސްރާން ވިދާޅުވިއެވެ. އަދި އެއަށް ފަހު ވިދާޅުވިއެވެ. "މީގައި މުހިއްމީ އެ ބޭފުޅުން ވަޑައިގަންނަވާ މަގުތަކާއި މަޑު ކޮށްލައްވާ ތަންތަނުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށް ކަން ކަށަވަރުކުރުން."
"ހުރިހާ ކަމެއް ވެސް ހުރީ ތައްޔާރަށް. ސާހިބާ!" ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
"އަދި ހަމަ އެފަދައިން، ގާޒީއަށާއި އަމީރާ ސަލްމާއަށާއި ދެ އަމީރުންނަށް ވެސް މި ޚަބަރު ދީ." ވަޒީރު ވިދާޅުވިއެވެ.
"މައްސަލައެއް ނޯންނާނެ. އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާނަން." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
- ނުނިމޭ -