ބާގާ އަކީ އަހަރެމެން އެންމެންވެސް ފާސްޓްފުޑް ރެސްޓޯރަންޓަކަށް ދެވިއްޖެނަމަ މާބޮޑު ވިސްނުމަކާނުލައި އެންމެ ފަސޭހައިން އޯޑަރު ދެވޭ އެއް ޑިޝްއެވެ. މިފަހަރުގެ ރޯދަމަހު ފާސްޓްފުޑް ރެސްޓޯރަންޓްތަކަށް ތަރާވީސްދަމަށް ބާގަރ އެއް ކާލަން ދެވޭނެގޮތެއް ނެތުމުން އެކަމާ ދެރަވެ ކަންބޮޑުވެފައި ތިބި ހުރިހާ ފަރާތްތަކަށް މިއަދުގެ ރެސިޕީ ހާއްސަކޮށްލާނަމެވެ.

ޝެފްގޭމްސްޓްރޯންގް އިންސްޓަގްރާމް އެކައުންޓްގެ ފަހަތުގައި ހުރި އެލީޝާ އިސްމާއިލް (ނޮނާ) ސަން ބަދިގޭގައި ތައްޔާރުކޮށްލަދިން ބާގާ ބަނަހަކީ ހިޓެކެވެ. މިހާރު މިއޮތީ ބަނަހުގެ ރަހަ ހެޔޮވަރުކޮށްލަން ނޮނާ ކިޔުންތެރިންނަށް ދޫކޮށްލާ ހަދިޔާއެކެވެ. އަވަހަށް ސްލޮޕީ ޖޯސް ގެ ރެސިޕީ އެކްސްޕެރިމެންޓްކޮށްލަން ހިނގާށެވެ.

ބޭނުންވާތަކެތި:

  • 250 ގްރާމް މިންސްޑް ބީފް(ކޯން ބީފް ނުވަތަ މިންސްޑް ޗިކަން ވެސް ބޭނުންކުރެވިދާނެ)

  • 1 ސައިސަމުސާ މަސްޓަރޑް
  • 1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
  • 2 މޭޒުމަތީ ސަމުސާ ވޮޝެޓްޝަޔަރ ސޯސް
  • 2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރ
  • 1 ސައިސަމުސާ ގާރލިކް ޕައުޑަރ
  • 1 ސައިސަމުސާ އޮނިއަން ޕައުޑަރ
  • 1/2 ދަޅު ހޯލް ޓޮމާޓޯ
  • 1 މެދު ސައިޒުގެ ފިޔާ (ޑައިސްޑް)
  • 1 ބެލްޕެޕަރ (ޑައިސްޑް)
  • 6 ލޮނުމެދު (މިންސްޑް)
  • ލޮނު (ރަހަލާވަރަށް)
  • އަސޭމިރުސް (ރަހަލާވަރަށް)
  • 1/4 ޖޯޑު ފެން
  • 1 މޭޒުމަތީ ސަމުސާ ހޮޓް ސޯސް (ބޭނުންނަމަ)
  • 1 ސައިސަމުސާ އެޕަލް ސިޑަރ ވިނެގަރ (ބޭނުންނަމަ)
  • ޗީޒް ސްލައިސަސް (ބޭނުންނަމަ)
  • ބަޓަރ (ބޭނުންނަމަ)

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ތަވައެއްގައި ތެޔޮކޮޅެއް ހާކާލުމަށްފަހު ހޫނުވެލުމުން މިންސްޑް ގާރލިކްކޮޅު ފްރައިކޮށްލާނީއެވެ. ގާރލިކްކޮޅު ރަނގަޅަށް ފްރައިކޮށްލުމަށްފަހު މިންސްޑް ބީފް އެޅުމަށްފަހު އެއްކޮށްލަންވީއެވެ. ކޯން ބީފް ނުވަތަ މިންސްޑް ކުކުޅުވެސް އެންމެ ރަނގަޅުވާނެއެވެ. ގޭގަ ލިބެންހުރި ވައްތަރެއް ނޫނީ ކިޔުންތެރިންގެ އެންމެ މަޤްބޫލް ޗޮއިސްއެއް ބޭނުންކުރަންވީއެވެ.

މިންސްޑް ބީފްކޮޅު ރަނގަޅަށް ކެރަމަލައިޒް ވަންދެން ކައްކާލަންވާނެއެވެ. ކެރަމަލައިޒް ވަމުންދާވަރަކަށް ބީފްކޮޅުގެ އެތެރޭގައި ހުރި ދިޔަތައް ބޭރުވާނެއެވެ. ތަވާގައި ދިޔަތައް ގިނަވިޔަނުދީ ހުސްކުރަމުން ގެންދާށެވެ. ރަނގަޅަށް ކެރަމަލައިޒްވުމުން ބީފްކޮޅު ހުންނާނީ މުށި(ބްރައުން)ކުލައަރާފައެވެ.

ކުރިން ކޮށާފައިހުރި ބެލްޕެޕަރ އަދި ފިޔާ އެއްކޮށްލުމަށްފަހު ރަނގަޅަށް ސޯޓޭ ކޮށްލާށެވެ. ދެން ރަހަލާވަރަށް ލޮނު އަދި އަސޭމިރުސްކޮޅެއް އަޅާލާށެވެ. އެއަށްފަހު ބްރައުން ޝުގަރ، އޮނިއަން އަދި ގާރލިކް ޕައުޑަރ އަދި ޗިލީ ޕައުޑަރވެސް އެޅުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ހުރިހާ ބާވަތްތަކެއް ރަނގަޅަށް އެއްކޮށްލެވުމުން މަސްޓަރޑް އަދި ޓޮމާޓޯ ޕޭސްޓް އަޅާލާށެވެ. އެއަށްފަހު ވޮޝެޓްޝަޔަރ ސޯސް ވެސް އެޅުމަށްފަހު އަނެއްކާވެސް ތަވާގައި ހުރި ބާވަތްތައް ރަނގަޅަށް އެއްކޮށްލަންވީއެވެ.

ނޮނާ މިހާހިސާބުން ތައްޔާރުކުރެވިފައިހުރި މިކްސްއަށް އެއްކޮށްލަނީ ސައިސަމުސަލެއްގެ އެޕަލް ސިޑަރ ވިނެގަރކޮޅެކެވެ. ކިޔުންތެރިންވެސް "މޮއިސްޓް ޖޫސީ ޓެންޑަރ" މީޓް ސޯސްއެއް ބޭނުންނަމަ މިސްޓެޕް ފޮލޯކޮށްލަންވީއެވެ. ހަމަގައިމުވެސް ތަފާތެއް ފެންނާނެއެވެ.

ދެން ބައި ދަޅު ހޯލް ޓޮމާޓޯ އެއްކޮށްލުމަށްފަހު ދޭފަތުން ރަނގަޅަށް ޓޮމާޓޯތައް ޗަސްކޮށްލުމަށްފަހު ހޮޓް ސޯސް އެޅުމަށްފަހު ރަނގަޅަށް މިކްސް އެއްކޮށްލާށެވެ. ނޮނާ މިރެސިޕީ ތައްޔާރުކުރުމަށް ބޭނުންކުރި ހޮޓް ސޯސް އަކީ އެންޒީގެ ގިތެޔޮމިރުސް ސޯސްއެވެ. ރަނގަޅަށް ތަވާގައި ހުރި ހުރިހާ ބާވަތެއް އަދިވެސް އެއްފަހަރު އެއްކޮށްލުމަށްފަހު 1/4 ޖޯޑު ފެންއަޅާލާށެވެ.

އެއަށްފަހު 20 މިނިޓް ވަންދެން ތަވާގައި މަތިޖެހުމަށްފަހު މަޑުގިނީގައި ކައްކާލާށެވެ. ބޭނުންނަމަ މިސްޓެޕްގެ ކުރިން ލޮނު އަދި އަސޭމިރުހުގެ ރަހަ އަދި އެއްފަހަރު ހެޔޮކޮށްލާށެވެ.

ބާގަރގެ މަސްގަނޑު ގާތްގަނޑަކަށް މިހާރު އެތައްޔާރުވީއެވެ. އަވަހަށް ބާގަރ ބަނަސްތައް ތައްޔާރުކޮށްލަށް ހިނގާށެވެ.

ބަނަސް ދެފަޅިކޮށްލުމަށްފަހު އެއްފަޅީަގއި ބަޓަރ ހާކާލާށެވެ. އަނެއްފަޅީގައި ޗީޒް ފޮއްޗެއް ބާއްވާލާނީއެވެ. އަވަން 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލުމަށްފަހު 5 މިނިޓް ވަންދެން ބާގަރ ބަނަސްތައް ފިހެލާށެވެ. ނޫނީ ކިޔުންތެރިންނަށް ކަމުދާ މިންވަރަކަށް ޗީޒްތައް މެލްޓްވެލަންދެން ބަނަސްތައް ފިހެލިޔަސް މައްސަލައެއްނެތެވެ.

ކުރިން ތައްޔާރުކޮށްލި މީޓް ސޯސްކޮޅު ބަނަހުގެ ޗީޒް އޮތް ފަޅިއަށް އަޅާލާށެވެ. ބަޓަރ ހާކާލި ފަޅި މީޓް ސޯސްކޮޅުގެ މަތީގައި ޖަހާލުމުން ތިތައްޔާރުކޮށްލެވުނީ މީރު މީރު ސްލޮޕީ ޖޯސް އެވެ.

ކުޅުދިޔާވެއްޖެދޯއެވެ. އަވަހަށް މި ސަޅި ރެސިޕީ ތައްޔާރުކޮށް އަހަރެމެން އެންމެންނާ ފޮޓޯތައް ހިއްސާކޮށްލާށެވެ.