ހުކުރު ދުވަހު މާލެ އާއި އަތޮޅުތަކުގައި ބޭއްވި މުޒާހަރާ ކަވަރު ކުރި ބައެއް މީޑިއާތަކަށް އެމްއެންޑީއެފުން ބިރު ދެއްކި ކަމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން ކުށްވެރިކޮށްފި އެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މުޒާހަރާ ފެށެން ކައިރިވެފައި ވަނިކޮށް، އެފަދަ ފަރާތްތަކަށް އެމްއެންޑީއެފުން އެންގި އެންގުމުގައި "މުޒާހަރާއާ ގުޅޭ މަންޒަރުތަކާއި އަޑުތައް ގެނެސްދިނުމުގައި ދިވެހި ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްޙަ މަސަލަސްކަމަށް ބުރޫއަރާނެ އެއްވެސް މަންޒަރެއް ނުވަތަ އަޑެއް، ނުގެނައުމަށް ކުރިން އިންޒާރު ކުރުމުން ދޭހަވަނީ ނޫސް އިދާރާތަކަށް ބިރުދެއްކުން" ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ހިންގާ އިލެކްޓްރޯނިކް މީޑިއާތަކުން ފަތުރާ ޚަބަރަކާއި ނުވަތަ ޓްރާންސްމިޓް ކުރާ އެއްޗަކާ މެދު ފިޔަވަޅު އެޅުމާއި ނޭޅުމުގެ އިޚުތިޔާރު ޤާނޫނީ ގޮތުން ދީފައި ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ކަމަށާއި ޕްރިންޓް މީޑިއާއަކުން ފަތުރާ ހަބަރެއް ނުވަތަ މައުލޫމާތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޮންނަ ފަރާތަކީ މޯލްޑިވްސް މީޑިއާ ކައުންސިލް ކަމަށެވެ.

"އެމްއެންޑީއެފުން އެފަދަ ބިރުވެރި އިންޒާރެއް ނޫސް އިދާރާތަކަށް ދިނުމަކީ، ސިޔާސީ ފިއްތުމެއްގެ ތެރެއިން އެމްއެންޑީއެފުން ކުރިކަމެއް ކަމުގައި ބެލުމުގެ ޖާގަ އޮތްކަމަށް މިޖަމްއިއްޔާ އިން ދެކެމެވެ. އަދި އެ އެންގުމަކީ އެންމެ ޒިންމާދާރުކޮށް އެންގިފައިވާ އެންގުމެއް ކަމުގައި ނުވާތީ، އެމްއެންޑީއެފުން މަޢާފަށް އެދުމަށް ވެސް ގޮވާލަމެވެ،" އެމްޖެއޭގެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ސޮއިކުރައްވައި ބައެއް އަމިއްލަ މީޑިއާތަކަށް ފޮނުވި ސިޓީއެއްގައި ހަތަރު ނުކުތާއެއްގެ ފާހަގަކޮށް، ބުނެފައި ވަނީ "ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރުދޭ އެއްވެސް ކަމެއް" މަންޒަރެއް ނޫނީ އަޑެއް ޓްރާންމިޓް ކޮށްގެން ނުވާނެ ކަމަށް އަންގާ ކަމަށެވެ.
އަދި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުން ރާއްޖޭގައި ސުލްހަ މަސަލަސް ކަން ގާއިމުކޮށް ރައްކާތެރި ކުރުމަކީ ގައުމީ ދިފާއީ ބާރުގެ ޒިންމާއެއް ކަމަށެވެ.

"އެހެން ކަމުން މައުލޫމާތު ފޯރުކޮށްދިނުމާއި މިނިވަން ނޫސްވެރިކަމުގެ މިނިވަންކަން ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތީން ޒިންމާދާރު ގޮތެއްގައި މީޑިއާގެ މިނިވަންކަން ހެޔޮގޮތުގައި ކުރުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަމެވެ." ޗީފް އޮފް ޑިފެންސް ފޯސްގެ ސިޓީގައިވެ އެވެ.

އިއްޔެގެ ބޮޑު މުޒާހަރާ ކަވަރު ކުރި އިރު، ދައުލަތުގެ ފައިސާ އިން ހަރަދުކޮށްގެން ހިންގާ އެމްއެންބީސީ އިން ޙަޤީޤަތް އޮޅޭ ގޮތަށް ހަބަރުތައް ގެނެސްދީފައި ވާތީ އެމްޖޭއޭ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެމްޖޭއޭ ބުނީ ދައުލަތުގެ ޓީވީ، އާއި ރޭޑިއޯ އަކީ، ވަކިފަރުދަކަށް ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާ އެކު މަޢުލޫމާތު ފޯރުވައިދިނުމަށް އޮންނަން ޖެހޭ ތަނަކަށް ވާތީ އާއި، އެ ދެ މުއައްސަސާ ހިންގުމަށް ރައްޔިތުންގެ މަޖިލީހުން އެމްބީސީ އެކުލަވާލާފައި ވާތީ، ވަގުތުން ވަގުތަށް އެ ދެ މުއައްސަސާ އެމްބީސީ އާ ހަވާލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ހަމަ އެއާ އެކު، ކޯޓުތަކުގައި ހިނގަމުންދާ އެމްބީސީގެ މައްސަލަތައް އަވަސްކޮށް ނިންމައި ދިނުމަށް ކޯޓުތަކަށް ވެސް ގޮވާލާފައިވެ އެވެ.