ކޮވިޑަށް ފަރުވާދިނުމަށް އއ. ވެލިދޫ އައިލެންޑް ރިސޯޓްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެމްއެންޑީއެފް ކޮމާންޓަރަކު ދަންވަރުގަޑީގައި ކޮޓަރިއަކުން އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މި ކޮމާންޑަރަކީ، އެ ފެސިލިޓީގެ އެންމެ އިސް މީހާއެވެ. އެމްއެންޑީއެފް މޭޖާ ރޭންކްގެ އެމީހާއާއި ޑޮކްޓަރު ކޮޓަރިއެއްގައި އެކަހެރިވި މައްސަލަ ފަޅާއެރީ، އެރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ޑޮކްޓަރު، ކޮމާންޓަރުގެ ކޮޓަރިން ނިކުތްތަން ފެނުމުންނެވެ.

އަންހެން ޑޮކްޓަރު ކޮމާންޑަރުގެ ކޮޓަރިއަށް ދަންވަރު ގަޑީ ދިޔައީ ކޮން ބޭނުމެއްގައި ކަމެއް ކަށަވަރެއް ނޫނެވެ. މި މައްސަލަ ބަލާކަން އަދި އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

މިކަން ފަޅާ އެރުމުން މި މައްސަލަ ނުބަލާ ދޫކޮށްލުމަށް ސަރުކާރުގެ ބައެއް އިސްފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވުމާއެކު، މި މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން ޑޮކްޓަރު މިހާރު ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް ކޮމާންޑަރު އަދިވެސް ހުރީ އެރަށުގައެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މީހުން އެއް ކޮޓަރިން އަނެއް ކޮޓަރިން ދިޔުމަކީ މަނާ ކަމެކެވެ. މިފަދަ ތަންތަން ހިންގަމުން އަންނަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. އަދި އެތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭ އިރު، ސެކިއުރިޓީކަންކަން ބަލަހައްޓަނީ ފުލުހުންނެވެ.