12 May 2020, 09:40
އާ ކޮރޯނާވައިރަސް ފުރަތަމަ ފެތުރެން ފެށި ގޮތާ ބެހޭ ގޮތުން ދެކެވޭ ވާހަކައިގައި އެންމެ ގިނައިން ފާހަގަކޮށްފައި ވަނީ ޗައިނާގެ ވޫހާންގައި ހުންނަ ޖަނަވާރާއި ކަނޑުމަސް ވިއްކާ ހުއާނަން ސީފުޑް މާރުކޭޓެވެ. އެ މާރުކޭޓުގައި ގެންގުޅުނު ޖަނަވާރަކުން އިންސާނެއްގެ ގަޔަށް ވައިރަސް އެރީ ކަމަށެވެ. ނަމަވެސް އެއީ ކޮން ޖަނަވާރެއްތޯ ހޯދުމަށް ސައިންސުވެރިން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެ އެވެ. އެހެންކަމުން އެ ވައިރަސް އިންސާނެއްގެ ހަށިގަނޑަށް ވާސިލުވި ގޮތާ ބެހޭ އެކި ތިއަރީތައް ވަނީ އާއްމުވެފަ އެވެ.
އާ ކޮރޯނާވައިރަސް ނުވަތަ ސާސް-ސީއޯވީ-2ގެ ކުރިން ފެނުނު އެބާވަތުގެ އެހެން ވައިރަހެއް ކަމަށްވާ ސާސް-ސިއޯވީ ފެތުރެން ފެށި ގޮތަށް ބަލާ އިރު، އެ ވައިރަސް ފުރަތަމަ ހުރީ ހޯސްޝޫ އާއިލާގެ ވާލުގައި ކަމަށް ސައިންސުވެރިން ބުންޏެވެ. އަދި އެ ވައިރަސް އިންސާނުންގެ ގަޔަށް އެރީ ބައެއް ގައުމުތަކުގައި ކެއުމަށާއި ބޭހަށް ބޭނުން ކުރާ ބުޅަލަކާ އެއްގޮތް ޖަނަވާރެއް ކަމަށްވާ ސިވެޓްގެ ފަރާތުންނެވެ.
ސައިންސުވެރިން ބުނާ ގޮތުގައި އާ ކޮރޯނާވައިރަސް ވެސް ފުރަތަމަ ފެށިގެން އައީ ވާލުގެ ފަރާތުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަދި އެފަދަ ވައިރަސްތައް އާއްމު ގޮތެއްގައި އިންސާނުންގެ ހަށިގަނޑަށް އަރަނީ އެހެން ޖަނަވާރެއް މެދުވެރިވެގެންނެވެ. އެގޮތުން ބައެއް ދިރާސާތަކުން ވަނީ އެ ޖަނަވާރަކީ ޕެންގޮލިން ކަމަށް ވެދާނެ ކަމަށް ދައްކައިފަ އެވެ.
އިނގިރޭސިވިލާތުގެ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ނޭޗާގައި ޝާއިއުކޮށްފައި ދިރާސާއެއްގައިވާ ގޮތުން، ޕޮންގޮލިންގެ ފަރާތުން ފެނިފައިވާ ކޮރޯނާވައިރަހަކާ ސާސް-ސީއޯވީ-2އާ އެއްގޮތް ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސާސް-ސީއޯވީ-2އިން އިންސާނުންގެ ސެލްތަކަށް ވަނުމަށް ބޭނުން ކުރާ ޕްރޮޓީން، ޕޮންގޮލިންގެ ކޮރޯނާވައިރަހުން ވެސް ފެނިފައިވުން ކަމަށް އެ ދިރާސާގައިވެ އެވެ. އެހެންކަމުން ވައިރަސް އިންސާނުންގެ ގަޔަށް އެރި ގޮތް ޔަގީން ކުރުމަށް ޕޮންގޮލިންގެ ފަރާތުން ފެންނަ ކޮރޯނާވައިރަސް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށް ސައިންސުވެރިން ލަފާ ދީފައިވެ އެވެ.

އާ ކޮރޯނާވައިރަސް އިންސާނުންގެ ގަޔަށް އެރީ ޕޮންގޮލިންގެ ފަރާތުން ކަމަށް ވެދާނެ ކަމަށް ބައެއް ދިރާސާތަކުން ދޭހަވޭ -- ފޮޓޯ: އޭޕީ
ޕޮންގޮލިންއަކީ ބައެއް ގައުމުތަކުގައި ކެއުމަށާއި ބޭސްވެރިކަމުގައި ބޭނުން ކުރުމަށް ވިއްކާ ޖަނަވާރެކެވެ. ނަމަވެސް ވޫހާންގެ މާރުކޭޓުގައި އެ ޖަނަވާރު ވިއްކާ ކަމަށް އެތަނުގެ އިންވެންޓަރީގައި ހިމަނާފައި ނުވެ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއީ ގަވާއިދާ ހިލާފަށް ވިއްކާ ޖަނަވާރެއް ކަމުން، އިންވެންޓަރީން އުނި ކުރީ ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ. އެ މާރުކޭޓުން ވިއްކި ޖަނަވާރުތަކުގެ ތެރޭގައި ބޮކާއި ހަރުފަ އާއި މީދަލާއި ހިޔަޅު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މީގެ އިތުރުން އާ ކޮރޯނާވައިރަސް ދިރާސާ ކުރި އެހެން ބައެއް ފަރާތްތަކުން ވަނީ ވައިރަހުގެ ފުރަތަމަ ކްލަސްޓާއާ ވޫހާންގެ މާކެޓާ ގުޅުމެއްވީ ނަމަވެސް އެއީ އިއްތިފާގަކަށް ވެދާނެ ކަމަށް ލަފާކޮށްފަ އެވެ.
"އިންފެކްޝަންތަކުގެ ފުރަތަމަ ކްލަސްޓާ ގުޅުނީ މާރުކޭޓާ - ނަމަވެސް އެއީ [ވައިރަސް ފެތުރުނީ މާރުކޭޓުން ކަމަށް ދޭހަވާ] ނުސީދާ ހެކި. ވެދާނެ އިންފެކްޝަން އައީ އެހެން ތަނަކުން ކަމަށް އަދި ކަން ދިމާ ކުރި ގޮތުން ފުރަތަމަ ކްލަސްޓާއަކަށްވީ މާކެޓަށް ދިޔަ މީހުން ކަމަށް. ނަމަވެސް މިއީ ޖަނަވާރުންގެ ފަރާތުން އައި ވައިރަހެއް ކަމުން، އެ މާކެޓާ ގުޅުމެއްވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ޔުނިވާސިޓީގެ އޮފް ކޭމްބްރިޖްގެ ޕްރޮފެސަރު ޖޭމްސް ވުޑް ވިދާޅުވި އެވެ.
އެ ތިއަރީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ޔުނިވާސިޓީ އޮފް އަޔޯވާގެ ޕްރޮފެސަރެއް އަދި އިމިއުނޮލޮޖިސްޓެއް ކަމަށްވާ ސްޓޭންލީ ޕާލްމަން ވަނީ ވޫހާންގެ މާރުކޭޓާ ވައިރަހުގެ ކޭސްތަކާ ގުޅިފައި ވަނީ އިއްތިފާގަކުން ކަމަށް ދެކުމުގެ ޖާގަ އޮތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މާރުކޭޓުން ވައިރަހުގެ ޖެނެޓިކް މާއްދާތައް ފެނިފައި ވުމުން އެއީ އިއްތިފާގެއް ކަމަށް ގަބޫލު ކުރަން ދަތިވާ ކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ ޖެނުއަރީ މަހު ޗައިނާއިން ވަނީ ހުއާނަން ސީފުޑް މާކެޓް ބަންދުކޮށްފަ -- ފޮޓޯ: އޭއެފްޕީ
އެ ދެ ނަޒަރިއްޔާއާ ހިލާފަށް، ސާސް-ސީއޯވީ-2 އުފެދިފައި ވަނީ ގުދުރަތީ ގޮތުން ނޫން ކަމަށާއި އެއީ ވޫހާންގެ ލެބަކުން ދޫވި ވައިރަހެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ވެސް ހިމެނެ އެވެ. ނަމަވެސް އެމެރިކާގެ ކޮރޯނާވައިރަސް ޓާސްކް ފޯސްގައި އިސްކޮށް ހުންނަވާ ޑރ. އެންތަނީ ފައުޗީ ވަނީ އެ ވައިރަހަކީ އިންސާނުން އުފައްދާފައިވާ އެއްޗެއް ކަމަށް ދޭހަވާ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވެސް ވަނީ ވައިރަހަކީ ގުދުރަތީ ގޮތުން އުފެދިފައިވާ އެއްޗެއްކަން ކަމާ ބެހޭ ދިރާސާތަކުން ދައްކާ ކަމަށް ބުނެފަ އެވެ.
އެ ޖަމްއިއްޔާއިން މިހާރު ވަނީ ޗައިނާގެ އެއްގަމު މަސް، އަދި ކަނޑު މަސް ވިއްކާ 'ވެޓް މާކެޓު'ތަކުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ހަރުކަށި ކުރުމަށް ގޮވާލައިފަ އެވެ. ނަމަވެސް އެފަދަ މާރުކޭޓުތަކަކީ އާއްމު ގޮތެއްގައި ނުރަސްމީ ވިޔަފާރިތައް ކަމުން އެތަންތަނުގައި ގަވާއިދުތައް ތަންފީޒު ކުރަން ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޕްރޮފެސަރު ވުޑް ވިދާޅުވި އެވެ. އަދި އޭނާ ވަނީ އެއީ ކޮންމެ ގައުމެއްގައި ވެސް އެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންނާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާއިން ވަނީ މިދިޔަ ޖެނުއަރީ މަހު ހުއާނަން ސީފުޑް މާކެޓް ބަންދުކޮށް، އެގައުމުގައި ވަލު ޖަނަވާރުގެ ވިޔަފާރި ވަގުތީ ގޮތުން މަނާކޮށްފަ އެވެ. މީގެ ކުރިން ސާސް ފެތުރުނު އިރުނު ވެސް ޗައިނާއިން އެ ބާވަތުގެ ވިޔަފާރި މަނާ ކުރި ނަމަވެސް އަނެއްކާ ވެސް ވަލު ޖަނަވާރު ވިއްކާ މާރުކޭޓުތައް ވަނީ އެ ގައުމުގައި އާއްމުވެފަ އެވެ.
ސައިންސުވެރިން ވަނީ ދުނިޔޭގައި ވަލު ޖަނަވާރުގެ ވިޔަފާރި ކޮންޓްރޯލް ކުރުމާއި އާ ކޮރޯނާވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާސިލުވި ގޮތް ހޯދުމަކީ މުސްތަގުބަލުގައި ބަލިމަޑުކަމެއް ފެތުރުން ހުއްޓުވުމަށް މުހިއްމު ފިޔަވަޅުތައްކަން ފާހަގަކޮށްފަ އެވެ.