12 May 2020, 01:46
ކޮވިޑް 19 ގެ ސަބަބުން ސުކޫލުތައް ބަންދުކުރަން ޖެހި، އަދި މާލެ ލޮކްޑައުންކޮށް ޓެލެކްލާސްތައްވެސް ކުރިއަށް ނުގެންދެވުނު ނަމަވެސް ކްލާސް ޓީޗަރުން ދަރުވަރުންނަށް ގުޅައި ހާލު ބަލަމުން ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ހާލަތުގައި ތައުލީމީ ދާއިރާގެ ކަންކަން ކުރިއަށްދާ ގޮތް ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ހާލަތުގައި ދަރިވަރުންގެ ހާލު ބަލަން މަދުވެގެން ތިން ދުވަހުން އެއްދުވަހުން ކުދިންނަށް ގުޅުމަށް ޓީޗަރުންނަށް އަންގާފައި ވާނެ ކަމަށެވެ.
"ޓީޗަރުންނަށް އެންގިން އެންމެ މަދުވެގެން ތިން ދުވަހުން އެއްދުވަހު ކުދިންނަށް ކްލާސް ޓީޗަރު ކުދިންނަށް ގުޅާލައި ކުދިންގެ ހާލު ބަލާލައްޗޭ. އެއީ މިފަދަ ހާލަތެއްގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން. އަދި އާއިލާތައް ވަރަށް ދަތި ހާލެއްގައި އުޅެމުން ގެންދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުދިންނަށް ވެދެވެން އޮތް އެހީތެރިކަމެއް ޓީޗަރުންގެ ފަރާތުން ވެދިނުމަށްވެސް އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަން ކުރިއަށް ދާ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް، އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރު އަދި ލީޑިންގް ޓީޗަރު ކޮންމެ ދުވަހަކުހެން ގުޅަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އެކުދިންގެ ހާލު ބެލުމަށާއި ބެލެނިވެރިންނަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެއިތުރުން ދަތި ހާލުގައި އުޅޭ ކުދިން އަދި މީގެ ކުރިން ސުކޫލުން ކެއުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ތިބި ކުދިންނަށް އެހީވުމަށް ޔުނިސެފްގެ އެހީގައި ކަންކަން ހަމަޖެއްސި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު އެކަމަކު ލޮކްޑައުންގެ މުއްދަތު އިތުރަށް 14 ދުވަހަށް އިތުރުކުރުމާ ގުޅިގެން އަޅުގަނޑުމެން މި ވިސްނީ ކިޔެވުން މިހާދުވަހަށް މެދު ކަނޑާލާފައި އޮތުން އަސްލު ރަނގަޅެއް ނުވާނޭ. އެއީ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުން ވަރަށް މުހިންމު. ދަރިވަރުންގެ ލާނިންގެ މޮމެންޓަމް ނުގެއްލި ކުރިއަށް ގެންދެވޭނެ ގޮތަކަށް މިހާރު އަޅުގަނޑުމެން މިދަނީ ޕްލޭންތަކެއް ކުރަމުން." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.
އެގޮތުން މުދައްރިސުން ގޭގައި ތިބެގެން ފިލާވަޅު ތައްޔާރުކޮށް، މިނިސްޓްރީއިން ތައްޔާރުކޮށްފައި އިންނަ ޕޯޓަލްއަކަށް ފިލާވަޅުތައް ލާ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ޕްލޭން ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ޓީވީ މެދުވެރިކޮށް ކުދިންނަށް ފިލާވަޅުތައް ގެނެސް ދިނުމަށް ފެށުމަށްޓަކައި އަނެއްކާވެސް ޓީވީ ޗެނަލްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ލޮކްޑައުންއަށް ދިޔުމުގެ ކުރިންވެސް ޓީވީ ޗެނަލްތައް މެދުވެރިކޮށް ޓެލެކްލާސްތައް ގެނެސްދިނެވެ. ނަމަވެސް އެކުލާސްތައް ހުއްޓާލި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޓީޗަރުންނަށް ސުޓޫޑިއޯއަށް ދެވޭގޮތް ނުވުމާއި ޓީވީ ޗެނަލްތަކުގެ މުވައްޒަފުން މަދުކޮށް މަދު ބަޔަކު އޮފީހުގައި ލޮކްޑައުންވެ މަސައްކަތް ކުރަން ފެށުމުންނެވެ.