އެމެރިކާގައި ކޮވިޑް-19 އެންމެ ގަދައަށް ފެތުރު އެއް ސަރަހައްދު ކަމަށްވާ ނިއު ޔޯކްގެ އެލްމްހާސްޓް ހޮސްޕިޓަލުގައި ވައިރަސް ކޮންޓްރޯލުކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެތަނުގެ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި ޗުއްޓީއެއް ދީފި އެވެ.

އެލްމްހާސްޓް ހޮސްޕިޓަލްއަކީ އެމެރިކާގެ އެޕިސެންޓާގައި އެންމެ ބޮޑު ވޯކްލޯޑަކާއެކު މަސައްކަތްކޮށްފައިވާ އެއް ހޮސްޕިޓަލެވެ.

އެއާ ގުޅީގެން އެމެރިކަން އެއާލައިންސް އާއި ހާޔަޓް ހޮޓެލް ކޯޕަރޭޝަން ގުޅިގެން ވަނީ އެލްމްހާސްޓް ހޮސްޕިޓަލުގެ 4،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ޗުއްޓީއެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ.

އެގޮތުން އެއާލައިން މެދުވެރިކޮށް އެމެރިކާއާއި ކެރީބިއަން އިން ބޭނުންވާ ސަރަހައްދުތަކަށް އެ ފަރާތްތަކަށް ޗުއްޓީ ހޭދަކުރުމަށް ދެވޭނެ އެވެ. އަދި އެ ފަރާތްތަކުން ތިބުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާނީ ހާޔަޓް އިންނެވެ.

ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން އެ ފަރާތްތަކަށް ބޭނުން މަންޒިލަކަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. އެ ފަރާތްތަކަށް ޗުއްޓީ ލިބޭ މުއްދަތުގެ ވާހަކައެއް ދެ ކުންފުނީންވެސް ހާމަކޮށްފައެއް ނުވެއެވެ.

ޗުއްޓީ ލިބޭ ފަރާތްތަކުގެ ތެރޭގައި ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމެންްޓުގައިވެސް ހަރަކާތްތެރިވި ފަރާތްތަކުން ހިމެނޭނެއެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސަޕޯޓު ސްޓާފުންނަށްވެސް އެ ޗުއްޓީ ލިބޭނެ ކަމަށް ދެކުންފުނިން ވަނީ ހާމަކޮށްފައެވެ.