12 May 2020, 00:40
މަސްތުގެ ހާލުގައި ހުރެ އަންހެނުންތަކެއްގެ ގައިގައި ބޭ އަދަބީ ގޮތަކަށް އަތްލައި ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ސާބިތުވެ އެމެރިކާގެ ސްޓޭޓެއްގެ އެޓާރނީ ޖެނެރަލެއްގެ ގާނޫނީ ލައިސެންސް ސަސްޕެންޑުކޮށްފިއެވެ.
އެމެރިކާގެ އިންޑިއާނާ ސްޓޭޓުގެ އެޓާނީ ޖެނެރަލް ކާޓިސް ހިލްގެ ގާނޫނީ ލައިސެންސް ސަސްޕެންޑްކުރުމަށް އެ ސްޓޭޓުގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަހުގީގުކުރި ސުލޫކީ ކޮމިޓީގެ ހޯދުންތަކަށް ރިއާޔަތްކޮށް ކޯޓުގެ ހުރިހާ ގާޒީންގެ އިއްތިފާގުންނެވެ.
ހިލް ގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ 2018 ވަނަ އަހަރު އޮތް ޕާޓީއެއްގެ ތެރެއިން މަސްތުގެ ހާލުގައި ހުރެ އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އިތުރުން އިތުރު ތިން އަންހެނެއްގެ ގައިގައި ބޭ އަދަބީ ގޮތެއްގައި އަތްލުމުގެ ތުހުމަތުތަކެކެވެ.
އޭނާއާ ދެކޮޅަށް ދައުވާ ކުރި ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު މާރާ ރިއާޑޮން ވަނީ އެ ޕާޓީތެރެއިން ހިލް އޭނާގެ ފުރަގަސްފަރާތުގައި އަތްލި ކަމަށް ބުނެ ހެކިބަސްދީފައެވެ.
ހިލްއާއި ދެކޮޅަށް ދެން ހެކިބަސް ހުށަހެޅި ތިން ފަރާތުންވެސް ވަނީ މިފަދަ ގޮތަކަށް ހިލް އެމީހުންނާއި ދޭތެރޭ އަމަލުކުރިކަމަށާއި އަދި ބޭއަދަބީ ބަސް ބޭނުންކޮށްގެން އެމީހުންނާއި މުއާމަލާތްކުރިކަމަށްވެސް ހެކިބަސް ދީފައެވެ. މި ތިން އަންހެނުންނަކީވެސް އިންޑިއާނާގެ ގާނޫނު ހަދާ މަޖިލީހުގެ މުއައްޒަފުންނެވެ.
އިންޑިއާނާ ސްޓޭޓުގެ ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުގައި ވަނީ ހިލްގެ މައްޗަށް މޭ 18 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ގާނޫނީ އެއްވެސް މައްސަލައެއް ނުބެލުމަށް އަންގައި އަމުރުކޮށްފައެވެ.
އަދި މި މުއްދަތު ފުރިހަަމަވުމުން އޭނާގެ ލައިސެންސްގެ ސަސްޕެންޝަން އުވާލެވިގެންދާނެކަމަށްވެސް ނިންމުމުގައި ވަނީ ބުނެފައެވެ. މިއީ އަޑުއެހުމުގައި ދައުވާ ހުށަހެޅި ފަރާތުން ކޯޓުގައި އެދުނު އެއް އަހަރު ދުވަހުގެ މުއްދަތާއި ތަފާތު ނިންމުމެކެވެ.
މި މައްސަލައިގައި ހިލް އަދި އޭނާގެ ވަކީލުންވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މައްސަލައިގެ ނިންމުމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހިލްގެ ފަރާތުން ހާމަކޮށްފައެއްނުވެއެވެ.
ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު ހިލްގެ އިސްތިއުފާއަށް އެތައް ބަޔަކު ވަނީ ގޮވާލައިފައެވެ.
ހިލް އަކީ އެންޓި-އެބޯޝަން އަދި ކުށްކުރުން ހުއްޓުވަން ހަރުކަށި ވިސްނުމެއް ގެންގުޅޭ ފަރާތެއްގެ ގޮތުގައި އެމެރިކާގައި ނަން މަޝްހޫރުވަމުން އަންނަ ފަރާތެކެވެ.
އޭނާއަކީ އެމެރިކާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ތެރެއިން ކުރިއަރަމުން އަންނަ ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވާ ފަރާތެކެވެ.
އެޓާނީ ޖެނެރަލްގެ ގާނޫނީ ލައިސެންސް ސަސްޕެންޑްކުރުމާއެކު ދެން އަމަލުކުރުމަށް ވަކި ގޮތެއް އިންޑިއާނާގެ ގާނޫނުގައި ކަނޑައެޅިފައިނުވާއިރު ބައެއް ފަރާތްތަކުން ވަނީ މި ސަސްޕެންޝަނުގެ ސަބަބުން ގާނޫނީ ބޮޑު މުސީބާތެއް އައިސްދާނޭކަމުގެ ބިރު އެބަ އޮތްކަމަށްވެސް ދީފައެވެ.