ކޮވިޑްގެ ހާލަތާއެކު އާންމު ދިރިއުޅުން ބަދަލުވެ ގައިދުރުކަމާއެކު ސުކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަަށްވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 ފެތުރެމުންދާތީ ސުކޫލުތައް ބަންދުކޮށްފައި އޮންނަތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނިއު ނޯމަލްއަކަށް ގޮސް ސުކޫލުތަކުގައި ކިޔަވައިދޭން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

"ނިއު ނޯމަލްގައި ކަންކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަށްވެސް ގެންދަން ޖެހޭތަން. ސުކޫލުގެ ވަގުތު ވަރަށް ބޮޑުތަކުން މަދުވެގެން ދާނެ. ފޭސް ޓު ފޭސްކޮށް މުދައްރިސާ ބައްދަލު ކުރާނީ މަދުވަގުތު ކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ފިލާވަޅު ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބެލެނިވެރިން ސުކޫލު ދޮށަށް ކުދިން ބަލާ ދާއިރުވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްނުވާނެހެން ގަޑިތަކަކަށް ބަހާލައިގެން ކުދިން ބަލާ ދިޔުމުގެ ކަންކަންވެސް ކުރަން ރާވާފައި ވާކަމަށެވެ. އެހެންނަމަވެސް ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލު އަދި މުޅިން ފައިނަލް ނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެންގެ ވެސް އުންމީދަކަށް ވާނީ ސުކޫލުތައް ހުޅުވޭނެ ދުވަހެއް އައުން ކަމަށެވެ. އެހެންވެ ނިއު ނޯމަލްއަކަށް ތައްޔާރުވެ ސުކޫލުތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ގިނަ ސުކޫލުތަކުގައި ކިޔަވައިދެމުން ދިޔައީ އެއް ދަންފަޅިއަށެވެ.

ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ތައުލީމީ ދާއިރާއަށްވެސް އަސަރުތަކެއް ކުރާނެ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ. ތައުލީމީ ދާއިރާއަށް ކުރާނެ އަސަރާ ބެހޭ ރެޕިޑް އެސެސްމެންޓެއް ޔުނިސެފާ ގުޅިގެން މިހާރު ހަދަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަސަރުކުރާނެ. ވަރަށް ގިނަ ގާތް ގަނޑަކަށް ދެމަސް ވަނީ މިހާރު ދަރިވަރުން ގޭގައި ތިބޭތާ. ސުކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން ދާތަނެއް ނޫން. އެކުދިންގެ އިޖުތިމާއީ ގުޅުންތަކާއި ތަފާތު އެކި ކަންތައްތައް ސުކޫލުގައި ހިނގަމުން ދާނެ. އެހެންވީމަ އެކަންކަން އެކުދިންނަށް މިސްވާތީ އަސަރުތަކެއް ކުރަމުން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ކުދިންގެ ތައުލީމީ ދާއިރާއަށް ކުދިންނަށް ކުރާ އަސަރުތަކާ ގުޅޭ އެސެސްމެންޓް ރިޕޯޓު މިހަފްތާ ނިމެންވާއިރަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.