އިންޑިއާގައި ތިިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައިތިބި 235 ދިވެހިން ރާއްޖެ ގެނެސްފިއެވެ.

އިންޑިއާ އިން މީހުން ގެނައުމަށް މިއަދު މެންދުރު މޯލްޑިވިއަން އިން ބޭއްވި ފްލައިޓުގައި ޓްރިވެންޑްރަމް އިން 50 މީހަކު ގެނެސްފައިވާއިރު މިރޭ ބޭއްވި ފްލައިޓުގައި 185 މީހަކު ވަނީ ގެނެސްފައެވެ.

އިންޑިއާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިއަދު ރާއްޖެ ގެނެސްފައިވަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ ގައި ތިބި ދިވެހީންނެވެ.

މި ސިޓީތަކުގައި ތިބި ދިވެހީން ރާއްޖެ އައުމަށް ގޮސްފައިވަނީ ދިއްލީ އަދި ޓްރެވިންޑްރަމް އަށެވެ.

އަނބުރާ ރާއްޖެއަށް ގެނައި މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަދި ކިޔަވާ ކުދިންވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވަނީ ފްލައިޓުތައް ބާއްވައިފައެވެ.

ކުރިއަށް އޮތްތަނުގައިވެސް މި ފަދަ ފްލައިޓުތައް ބާއްވަން ނިންމާފައިވާއިރު ފުރުސަތު ލިބޭވަރަކުން ބޭރުގައި ކިޔަވަން ތިބޭ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.