ޑަބްލިއުއެޗްއޯ މެދުވެރިވެގެން ރާއްޖެއަށްް ގެންނަ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އެގްޒެކިޔުޓާސް ޖެނެރަލް ޓްރޭޑިން އަށް އެ މަސައްކަތް ހަވާލު ކުރި އިރު އެ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއްތޯ ހެލްތު މިނިސްޓްރީ އިން ބެލިކަމަށާއި އެ މަސައްކަތް އެ ކުންފުންޏަށް ހަވާލުކުރީ އެކަން ޔަގީން ކުރުމަށްފަހު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގްޒެކިޔުޓާސް ޖެނެރަލް ޓްރޭޑިން އަކީ ދުބާއީގައި ވިޔަފާރި ކުރުމުގެ ލައިސަންސް ނެތް ކުންފުންޏެއްކަމަށާއި އެކަން ސަރުކާރުން ޔަގީންކުރިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރި ކުންފުންޏަށް ކޮންޓްރެކްޓު ހަވާލުކުރުމުގެ މަސައްކަތްކުރި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާ ވާހަކަ ދެއްކި ކަމަށެވެ.

"ހަމަ އެކުންފުންޏާ އެނގޭތޯ، އެއީ އެކުންފުނީގެ ނަމަކީ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން. ދެން ތި ވިދާޅުވާ ލައިސަންސްގެ ކަންތަކުގައި އަޅުގަނޑަށް ދެން އެނގޭވަރުވެސް އަޅުގަނޑު ބުނެލަދޭނަން. ފުރަތަމަ ކަމަކަށް، އަޅުގަނޑު މިއަދު މި ޓްރާންސެކްޝަން ހިންގެވި ހެލްތް މިނިސްޓްރީގެ ކުދިންނާ ވާހަކަ ދެއްކިން. އެކުދިންގެ އަތުގައި ހުރި ޑޮކިޔުމެންޓުތައް އަޅުގަނޑުމެން ހޯދިން. މި ކަމުގައި އެ ޓްރާންސެކްޝަން ހިންގުމަށް މަޝްވަރާ ކުރެވި ކޮންޓްރެކްޓު ކުރުމަށްފަހުގައި އަޅުގަނޑަށް ހީވަނީ އެ ބޭފުޅުންގެ ބިޒްނަސް ލައިސަންސް އެކްސްޕަޔާ ވެފައި އޮތް ވާހަކައެއް ދެއްތޯ ތި ވިދާޅުވަނީ. ތި ބޭފުޅުންނަށްވެސް އެނގިލައްވާނެ ބިޒްނަސް ލައިސަންސެއް މަސައްކަތް ކުރާގޮތަކީ އަހަރުން އަހަރަށް ނޫނީ ކޮންމެ ދެ އަހަރަކުން އާ ކުރާ އެއްޗެއްގެ ގޮތަށް އޮންނަނީ. ދެން ކޮވިޑް19 އާ ގުޅިގެން މި އައި ހާލަތުގައި ފަހަރުގައި ވެދާނެ، ލައިސަންސް އާ ނުވެ އޮތީ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ ކުންފުންޏާ މި މުއާމަލާތް ހިނގި އިރު ކުންފުނީގެ ސައްހަކަން ޔަގީން ކޮށްފައިވާ ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ޑޮކިޔުމެންޓޭޝަން ހޯދީމޭ ލެޖިޓިމޭޓު ކުންފުންޏެއް ކަމަށް. އަޅުގަނޑަށް ހީވަނީ ވެގެން ތިއުޅޭގޮތަކީ ފަހަރުގައި އެބޭފުޅުންގެ ބިޒްނަސް ލައިސަންސް އެކްސްޕަޔާވެފައި އެކަހަލަ ކަމެއް ވެފައި އޮތީ ކަމަށް. އަޅުގަނޑު އެބޭފުުންނާ މިއަދު އެކަމުގައި އިތުރަށް މައުލޫމާތު ހޯދީ. ކިހިނެއްތޯ އެކަން ހިނގީ. އެބޭފުޅުން ވިދާޅުވަނީ މި ބުނާގޮތަށް އެ ކުންފުންޏާ އެކީގައި ވަހަކަ ދެއްކި އެގްރިމެންޓް ކުރެވިގެން އެބޭފުޅުންނަށް އެ ދެއްކުނު ފައިސާއެއް ދެއްކިފައިވަނީ،" މަބްރޫކް ވިދާޅުވިއެވެ.

މި ވެންޓިލޭޓަރުތައް ގެނައުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 34 މިލިއަން ރުފިޔާއަށެވެ.

މި މަހުގެ ތެރޭގައި އެކިއެކި ކުންފުނިތަކުން ޖުމްލަ 45 ވެންޓިލޭޓަރު ރާއްޖެ އަންނާނެ ކަމަށް މަބްރޫކު ރޭ ވަނީ ވިދާޅުވެފައެވެ.