11 May 2020, 23:17
އުތުރުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން ދަތުރުކުރި އަމާޒު ބޯޓުން ދަތުރު ކުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެ ބޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫ އަށް ނިސްބަތްވާ އެ ބޯޓުގެ ކެޕްޓަން ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި ކޭސް އާއި ގުޅިގެން ހއ، ށ އަދި ނ އަތޮޅާއި ރ އަތޮޅުގެ ބައެއް ރަށްރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
އަދި މި ކޭސް އާއި ގުޅުންހުރި މީހުންނާ ގުޅުންހުރި 11 މީހަކު ށ. ނަރުދޫ އިން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އެ ބޯޓުން ދަތުރުކުރި އެއަތޮޅު މިލަންދޫ މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އުތުރުގެ ރަށްރަށުގެ ތެރެއިން އުލިގަމުން އަދި ތަކަންދޫ އިން ވެސް ވަނީ ބަލި ޖެހިފައިވާ މީހުން ފެނިފައެވެ. އެ ރަށްރަށުން ބަލި ފެނުނީ މާލެ ދަތުރުކުރާ ކާވިޔާ ބޯޓުން ދަތުރުކުރި ބަޔެއްގެ ފަރާތުންނެވެ.
އުތުރުގެ ރަށްރަށުން ބަލި ޖެހުނު މީހުން ހއ ގައި ހިންގާ ދޮނަކުޅި (ހައިޑްއަވޭ) ގައި އައިސޮލޭޓު ކުރިއެވެ. ފަހުން އެމީހުން ވަނީ މާލެ ސަރަހައްދުގެ އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކޮށްްފައެވެ.
ރާއްޖެއިން މިހާތަނަށް 862 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 31 އަށް އަރާއިރު ބަލީގައި ތިން މީހަކު ވަނީ މަރުވެފައެވެ.