24 Dec 2011, 17:14
ފާދިއްޕޮޅު ނައިފަރުގައި މިހާރު ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފާއިތުވި ހަތަރު އަހަރުގެ ޗެމްޕިއަން ޕޮލިސް ކްލަބު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.
ޕޮލިސް ކުލަބު އިއްޔެ ކުޅުނު މެޗު ކާމިޔާބު ކުރީ ލ. ގަމު ބަރުލަމާނީ ސްޕޯޓްސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓާއި ފަހު ސެޓު ޕޮލިހަށް ގެންދެވުނީ ހަނި ތަފާތަކުންނެވެ. މެޗުގެ ސެޓުތައް ޕޮލިސް ގެންދިޔައީ 25-24 18-26 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޕޮލިހުގެ ބިދޭސީ ކުޅުންތެރިޔާ މިނިމޮލް އަބްރަހަމް އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ރޭ ކުރިއަށް ދިޔައެވެ. ނައިފަރު އައިޑިއަލް މޫވްމަންޓާއި ވާދަކޮށް ސީދާ ތިން ސެޓުން މިމެޗު ކާމިޔާބު ކުރީ ނައިފަރު ޖުވެނައިލް އެވެ. މެޗުގެ ސެޓުތައް ޖުވެނައިލް އިން ގެންދިޔައީ 25-12، 25-20 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖުވެނައިލްގެ ބިދޭސީ ކުޅުންތެރިޔާ ޗަންދިމާ ޕްރިޔަންގާނީ އެވެ.
ޕޮލިހުން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނީ މާދަމާ ކުޅޭ ސެމީ ފައިނަލުގެ މެޗަށް ފަހު އެވެ. މިމެޗުގައި ބައްދަލުކުރާނީ ލ. ގަމު ބަރުލަމާނީ ސްޕޯޓްސް ކުލަބާއި ނައިފަރު ޖުވެނައިލް އެވެ.