11 May 2020, 22:46
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ތިން މީހަކު އެޑްމިޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. މީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ 11 މީހުންގެ ތެރެއިން ދެ މީހަކަށްވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ޑީއެޗް11 ގައި ތިބީ ތިން މީހަކު، ދެ މީހަކު ވަނީ ވެންޓިލޭޓަރުގައި، އެކަކު ސްޓޭބަލް. ޓްރީޓޮޕްގައި 11 މީހަކު އެޑްމިޓް ކުރެވިފައި، އޭގެ ތެރެއިން ދެމީހަކު ވަނީ ވެންޓިލޭޓަރުގައި، މި ދެމީހުންނަކީވެސް ބިދޭސިން. އެއީ އުމުރުން 54 އަހަރުގެ ފިރިހެނަކީ 29 އަހަރުގެ ފިރިހެނަކާ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 285 ދިވެހިންނާއި 577 ބިދޭސިންނާއެކު ޖުމްލަ 862 މީހުންނެވެ. މީގެ ތެރެއިން 826 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
މިހާތަނަށް 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ބަލިޖެހިގެން މަރުވެފައިވަނީ ތިން މީހެކެވެ.