11 May 2020, 22:59
ކޮލަންބޯ (11 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން އެގައުމުން ނިންމައިފިއެވެ.
ސްރީލަންކާގެ ރިޔާސީ ސެކްރެޓޭރިއަޓުން ބުނީ ސްރީލަންކާގެ 23 ޑިސްޓްރިކްޓްއެއްގައި ތަންފީޒުކުރާ ކާފިއު ނުވަތަ ފުރަބަންދު މިއަދުން ފެށިގެން ތަންފީޒު ކުރާނީ ހަމައެކަނި ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 05:00 އަށް ކަމުގައެވެ. މިއާއެކު ދުވާލުގެ ވަގުތުތަކުގައި މަގުތަކަށް ނުކުމެ ތަންތަނަށް ދިޔުމާއި ވިޔަފާރި ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ. މި ލުއިތައް ދިންނަމަވެސް ސިއްޙީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުން ލާޒިމް ކަމަށް ރިޔާސީ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނުގައިވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސްރީލަންކާގެ ޓާސްކް ފޯސްއިން ބުނީ ލުއި ދިނުމާއެކު އޭގެ ބޭނުން ހިފައިގެން ގެއިން ބޭރަށް ނުކުންނަ ކޮންމެ މީހަކީވެސް ބޭރުން އައިސް ގޭގެ އެހެން މީހުންނަށާއި އަވަށްޓެރިންނަށް ވައިރަސް ޖައްސާ މީހަކަށް ވެގެން ނުވާނެކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި އަމަލުކުރަންޖެހޭ ގޮތްތައް އެ ޓާސްކް ފޯހުންވަނީ ހާމަކޮށްފައެވެ.

ސްރީލަންކާގައި ފުރަބަންދުގެ ފިޔަވަޅުތައް ތަންފީޒުކުރުމާއެކު މަގުތައް ފަޅުވެފައި
ސްރީލަންކާއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ގައުމެއްގެ ގޮތުގައި ޑަބްލިޔޫއެޗްއޯ އިން ފާހަގަކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 23 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ސްރީލަންކާގައި ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އެންމެ 863 މީހުންނެވެ.
އެހެންކަމުން ސްރީލަންކާ ހިމެނިފައިވަނީ އާބާދީގެ ނިސްބަތުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެންމެ މަދު ގައުމުތަކުގެ ތެރޭގައެވެ. ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި އެންމެ 9 މީހުން މަރުވެފައިވާއިރު 343 މީހުން މިހާތަނަށް އެރޯގާއިން ރަނގަނޅުވެފައިވެއެވެ.
ކޮމިއުނިޓީ ސްޕްރެޑަކަށް ނުދަނީސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސްރީލަންކާ ކާމިޔާބު ހޯދީ އެރޯގާ ގެ ފުރަތަމަ ކޭސް ފެނުމާއެކު އެގައުމުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ. ސްރީލަންކާއިން ކޮވިޑް-19 ގެ ކޭހެއް ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީން އައި ފަތުރުވެރިއެއްގެ ފަރާތުންކަމަށް އެގައުމުން ބުނެފައިވެއެވެ.
ސްރީލަންކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެގައުމަށް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ލިބުނީ ޑަބްލިޔޫއެޗްއޯ އިން ކަނޑައަޅާފައިވާ ސްޓްރެޓެޖީއަށް ވަރަށް ހަރުކަށިކޮށް ތަބާވުމުގެ ސަބަބުންނެވެ. އެއީ ކަރަންޓީނު ކުރުމާއި ޓެސްޓްކުރުމާ އަދި ޓްރޭސް ކުރުމެވެ. ޝައްކުވާމީހުން ފުރަތަމަ ކަރަންޓީނުކޮށް ޓެސްޓްކުރުމަށްފަހު ޕޮޒިޓިވް ވާމީހުންނާ މުއާމަލާތްކުރި މީހުން ދެނެގަނެ އެމީހުން އަނެއްކާވެސް ޓެސްޓްކޮށް ހާލަތު ދެނެގަންނަނީއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ނިންމި ނަމަވެސް ވެރިރަށް ކޮލަންބޯއާއި ގަމްޕަހަ ޑިސްޓްރިކްގައި ފުރަބަންދުގެ ފިޔަވަޅުތަކަށް އަދި ލުއިދޭން ނިންމާފައެއް ނުވެއެވެ. އެއީ އެސަރަހައްދުތަކުގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވެފައި ނޭންގޭ ކޭސްތައް އުޅެފާނެކަމުގެ ބިރު އޮތުމުންނެވެ. (ނޫސްއެޖެންސީތައް)