އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީގެ އޯނަރުން ކަމަށްވާ ސިޓީ ފުޓުބޯލް ގްރޫޕް (ސީއެފްޖީ) އިން ބެލްޖިއަމުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލޮމެލް އެސްކޭ ގަތުމަށް ޑީލް ހަދައިފި އެވެ.

އެއާ އެކު ސީއެފްޖީ ގްރޫޕުގެ އަތް ދަށަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނުވަ ކުލަބެއް ދާނެ އެވެ. އަބޫ ދާބީގެ މަހުޖަން ޝޭޚް މަންސޫރް ބިން ޒައިދު އަލް ނަހްޔާންގެ ބޮޑު ހިއްސާއެއް އޮންނަ މި ގުރޫޕުން މީގެ ކުރިން ގަނެފައިވާ ކުލަބުތަަކަކީ މެންޗެސްޓާ ސިޓީ، ނިއުޔޯކް ސިޓީ، މެލްބޯން ސިޓީ، ޔޮކޮހޮމާ އެފް މަރީނޯސް، މޮންޓެވިޑޯ ސިޓީ، ޖިރޯނާ އަދި ސިޗުއަން ޖިއުނިއުގެ އިތުރުން އިންޑިއާގެ މުމްބާއީ އެފްސީ އެވެ.

ސީއެފްޖީން ގަތުމަށް މިހާރު މަސައްކަތް ކުރަމުންދާ ލޮމެލް އެސްކޭގެ ޑީލުގައި ވާގޮތުން އެކުލަބުގެ ދަރަންޏަށް މިހާރު އަރާފައި އޮތް 1.75 މިލިއަން ޕައުންޑް ވެސް އެ ގްރޫޕުން ވަނީ ދެއްކުމަށް ނިންމާފަ އެވެ. އަދި އެއާ އެކު ކުލަބުގެ އެހެން ހުރިހާ ހަރަދެއް ވެސް އައު މެނޭޖްމެންޓެއްގެ ދަށުން އެ ގްރޫޕުން ހަވާލުވާނެ އެވެ.

"މި އިންވެސްޓްމެންޓަކީ އަހަރަމެން ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޯންގްޓާމް ޕްލޭނުގެ ދަށުން ކުރާ އިންވެސްޓްމެންޓެއް. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެދި ރީތި ކުޅުމެއް މުސްތަގުބަލުގައި ވެސް ފެނިގެން ދިއުން." ސީއެފްޖީގެ ޗީފް އެކްސެކިއުޓިވް ފެރާން ސޮރިއާނޯ ބުންޏެވެ.

އޭނާ ބުނީ، ބެލްޖިއަމްގެ ކުލަބު ގަތުމަށް އެ ގްރޫޕުން ނިންމީ އެކުލަބުން ކުޅުންތެރިން ތަމްރީން ކުރުމަށް ގެންގުޅޭ ވައްޓަފާޅިއާއި، ކުލަބުގެ މުސްތަގުބަލުގެ އިތުރުން ކުލަބުގެ ތާރީހަށް ވެސް ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށެވެ. އަދި އެ ގްރޫޕުގެ އެހީތެރިކަމާ އެކު އެ ކުލަބަކީ ބެލްޖިއަމްގެ އެންމެ ޓޮޕް ކުލަބަކަށް ހަދާނެ ކަމުގެ ޔަގީންކަން ސޮރިއާނީ ވަނީ ދީފަ އެވެ.

ސީއެފްޖީއިން ލޮމެލް ކުލަބު ގަތުމުގެ މަސައްކަތް ކުރަމުންދާ އިރު ބެލްޖިއަމުގެ ލީގު މިހާރު ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ކެންސަލް ކޮށްފަ އެވެ. ލީގު ނިންމާލި އިރު ލޮމެލް އެސްކޭ އޮތީ ތާވަލުގެ ހަވަނައިގަ އެވެ.