ނިޕޮން ހަތް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި އިއްޔެ ހަރިކޭން ބާސްކެޓްބޯލް ކުލަބާއި ދެކޮޅަށް ކުޅުނު މެޗް ރެޑްލައިން ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި ހަމަޖެހިލައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ރެޑްލައިނުން ކާމިޔާބު ކުރީ 51 ޕޮއިންޓް 45 ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރެޑްލައިން ކުލަބަށް 20 ޕޮއިންޓް ހޯދައިދިން ބިދޭސި ކުޅުންތެރިޔާ އަޑެބަޔޯ އަލަބާ އެވެ.

މިމެޗުން ލިބުނު މޮޅާއެކު ލީގުގެ އެއްވަނައަށް ރެޑްލައިން ވަނީ ޖެހިލައިފަ އެވެ. ލީގުގެ އެއްވަނާގައި ރެޑްލައިން އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ ލިބުނު އަށް ޕޮއިންޓާއެކު އެވެ. ހަތް ޕޮއިންޓާއެކު ދެވަނާގައި ހެރިކޭން އޮތްއިރު، ފަސް ޕޮއިންޓާއެކު ތިންވަނާގައި އޮތީ ޓީރެކްސް ބާސްކެޓްބޯލް ކުލަބެވެ. ހަތަރު ވަނާގައި ޑީ ބާސްކެޓްބޯލް ކުލަބު އޮތްއިރު، ލީގުގެ އެންމެ ފުލުގައި އޮތީ ޔޫއެން ފްރެންޑްސް އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެގޮތުން ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ބުރު އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިމުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ޔޫއެން ފްރެންޑްސް އާއި ޓީރެކްސް ބާސްކެޓްބޯލް ކުލަބެވެ.