އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ އެޓްލަންޓާގެ ޒުވާން މިޑްފީލްޑަރު އަންޑްރޭ ރިނާލްޑީ ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

އުމުރުން 19 އަހަރުގެ ރިނާލްޑީގެ ސިކުނޑީގެ ނާރެއް ފިތިގެން އޭނާ ހާލު ދެރަވުމުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިދިޔަ ހަކުރު ދުވަހު އެވެ. އަދި އެކަމުން ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މިއަދުގެ ވަގުތެއްގައި މަރުވެފައިވާ ކަން އެޓްލަންޓާ އިން ވަނީ ޔަގީންކޮށްދީފަ އެވެ.

ރިނާލްޑީގެ މަރާއެކު ފުޓުބޯޅަ އާއިލާއިން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އުމުރުން 13 އަހަރުގައި އެޓްލަންޓާގެ ޔޫތް އެކެޑެމީއަށް ކުޅެން ފެށި ރިނާލްޑީ މަރުވި އިރު ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ކުޅެމުން އަައީ އިޓަލީގެ ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލެނަނޯއަށެވެ.

ލެނަނޯގެ ރައީސް ޖިއޮވާނީ މުނާފޯ ބުނީ ރިނާލްޑީގެ މަރުގެ ހަބަރު އަޑުއެހީ ފުން ހިތާމައާ އެކު ކަމަށާއި، އޭނާ ކުލަބާ ގުޅުމަށްފަހު ފުރަތަމަ ދުވަހު އައިސް ސަލާން ކޮށްލި ދުވަސް މަތިން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ރިނާލްޑީއަށް އެކުލުބުގައި ދީފައިވަނީ ހާއްސަ ގަދަރެއް ކަމަށް މުނާފޯ ބުންޏެވެ.

"ރިނާލްޑީއަކީ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް. މުޅި ކުލަބުގެ ނަން މަތީގައި އޭނާގެ އާއިލާއަށާއި، ރަހުމަތްތެރިންނަށް ތައުޒިއްޔާ ރައްދު ކުރަން،" މުނާފޯ ބުންޏެވެ.

ރިނާލްޑޯ ވަނީ އެޓްލަންޓާގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ސުޕަކޮޕާ މުބާރާތް ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އޭނާ އަދާކުރިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އިޓަލީގެ ލީގުތައް މެދުކަނޑާލާފައި އޮންނަތާ ދެ މަސްވެފައިވާ އިރު އެ ގައުމުން މިހާރު އަންނަނީ އަލުން އަނބުރާ ލީގުގެ ކުޅުން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ބައެއް ކުލަބުތަކުން ޕްރެކްޓިސްތައް ފަށާފައިވާ އިރު އަންނަ މަހުގެ ތެރޭގައި ލީގު އަލުން ފެށޭވަރު ވާނެ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.