11 May 2020, 20:45
ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އިތުރު ޑޮކްޓަރުންނާއި ނަރުހުންގެ ބޭނުން ޖެހިފައިވާ މި ހާލަތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން 30 ފަރާތެއް ގައުމީ ޓާސްކް ފޯހާ ގުޅުމަށް ބޭނުންވެ ވޮލަންޓިއާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ގައުމީ ޓާސްކްފޯހާ ގުޅުމަށް ވޮލަންޓިއާ ކުރި ފަރާތްތަކުން މި ހަފްތާގެ ތެރޭ މަސައްކަތަށް ނިކުންނާނެ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން މުޅި ދުނިޔެއަށްވެސް މެޑިކަލް ޕްރޮފެޝަަލުންގެ ބޭނުން ޖެހިފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި މެޑިސިން ހަދާ ދަރިވަރުން ރާއްޖެ ގެނެސް އެ މަސައްކަތުގައި އެ ކުދިން ވެސް ވަނީ ބައިވެރިކޮށްފައެވެ. މީގެ އިތުރުން ހިދުމަތުން ރިޓަޔާ ކޮށްފައި ތިބި މެޑިކަލް ޕްރޮފެޝަނަލުންނާއި މި ވަގުތު ވަގުތީގޮތުން ހިދުމަތުން އެއް ފަރާތްވެގެންތިބި މެޑިކަލް ޕްރޮފެޝަނަލުންވެސް މަސައްކަތަށް ނިކުތުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގައި މިވަގުތު ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުންނެވެ. ކޮވިޑް19 ޕީކަކަށް ހިނގައްޖެ ހާލަތެއްގައި ބޭނުންވާނެ ވަރަށް އެކަށީގެންވާ ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
ރާއްޖެއިން މިހާތަނަށް 862 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 30 މީހުންނެވެ. ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކާއެކު ބައެއް ޑޮކްޓަރުންނާއި ނަރުހުން އެކަހެރި ކުރެވިފައިވާއިރު، އެކަށީގެންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.