11 May 2020, 21:06
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު މެދުކަނޑާލާފައި އޮތް އިނގިރޭސި ޕްރެމިއާ ލީގު އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ލޮކްޑައުން މަޑުމަޑުން އުވާލައި، އަލުން އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އެކުލަވާލި ޕްލޭނާ ބެހޭގޮތުން އެގައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވަނީ އިއްޔެ ގައުމާއި މުޚާތަބުކުރައްވާފައެވެ.
އެ ޕްލޭންގައި ޕްރިމިއާ ލީގު އަލުން ފެށުމަށް ޝަރުތުތަކެއް ކަނޑައެޅިފައިވާއިރު ލީގު އަލުން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ސީޒަނުގެ ބާކީ ހުރި ހުރިހާ މެޗެއްވެސް ކުޅޭނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. އާންމުން އެއްވެ އުޅެވޭގޮތަށް ތައްޔާރުކުރެވިފައިވާ ބައެއް ތަންތަން ހުޅުވުމަށް އެ ޕްލޭންގެ ތިން ވަނަ ހަރުފަތުގެ ދަށުން ޖުލައި މަހަށް އަމާޒުކުރެވިފައިވާއިރު އެތަނުން ބައެއް ތަންތަން ހުޅުވުމުގައި އެގައުމުގެ ސަރުކާރުން ވަނީ ޝަރުތުތަކެއް ކަނޑައަޅައިފައެވެ.
އެގޮތުން އެފަދަ ތަންތަނުގެ ޑިޒައިނަށް ބަލައި އިޖުތިމާއީ ގައިދުރުކަން އެންމެ ރަނގަޅަށް ތަންފީޒުނުކުރެވޭފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ނުދިނުމަށް ސަރުކާރުން ވަނީ ނިމައިފައެވެ. ނަމަވެސް މިފަދަ ބައެއް ތަންތަނުގައި ވަކި ވަކި ސަރަހައްދުތަކެއް އާންމުންނަށް ހުޅުވާލެވިދާނެކަމުގެ އިޝާރާތެއް އެގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.
ޕްރިމިއާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު ލީގުގެ ބައެއް ކުލަބުތަކުން ދަނީ މިހާރުވެސް އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރަންމުންނެވެ.
އެސްޓޮން ވިލާ، ބްރައިޓަން އަދި ވަޓްފޯޑް ފަދަ ކުލަބުތަކުން ވަނީ މިފަދަ ފިޔަވަޅުތަކާ އެކު ލީގު ފެށިއްޖެނަމަ އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް އެކުލަބުތަކަށް ގެއްލިދާނެކަމުގެ ބިރުއޮތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކުލަބުތަކުގެ ތެރެއިން ބްރައިޓަންގެ ތިން ކުޅުންތެރިންނެއް މިވަގުތުވެސް ތިބީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާއެކު ސެލްފް އައިސޮލޭޝަންގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ކޮޅަށް ލަނޑުޖެހުމަށް ފަހު، އާސެނަލްގެ އޮބަމަޔާން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ކުލަބުތަކުގެ އިތުރުން ބައެއް ވަކި ވަކި ކުޅުންތެރިންވެސް ވަނީ އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޮރޯނާވައިރަސްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން އެފަދަ ހާލަތެއްގައި ލީގު އަލުން ފެށުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާރ ސިޓީގެ ސާޖިއޯ އަގުއެރޯ އަދި ޗެލްސީގެ އެންޓޯނިއޯ ރުޑިގާވެސް ހިމެނެއެވެ.
އިނގިރޭސިވިލާތުގެ އިތުރުން ސްޕެއިން އަދި ޖަރުމަންވިލާތުގައިވެސް އަލުން ފުޓުބޯޅަ ލީގުތައް ފެށުމަށް ދަނީ ތައްޔާރީތައް ވަމުންނެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ލޮކްޑައުންއަށް ދެވުނު ލުއިތައް ގާތުން މޮނިޓާކޮށް އެކަމަށް ޚާއްސަ ޓާސްކްފޯސްތަކެއް އުފައްދާނޭކަމަށްވެސް ބުނެފައެވެ.
ވައިރަސް އަނެއްކާވެސް ފެތުރެން ފެށިއްޖެ ހިނދެއްގައި މި ލުއިތައް އުވާލައި އަލުން ލޮކްޑައުންގެ ހާލަތަކަށް ދިޔުމަށް ފަސްނުޖެހޭނެކަމަށް އެގައުމުގެ ބޮޑު ވަޒީރު ޖޯންސަން ވަނީ ގައުމާ މުޚާތަބުކުރައްވައި ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގައި 223،000 ޕޮޒިޓިވް ކޭސް ރެކޯޑްކުރެވިފައިވާއިރު 32،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އެގައުމަކީ ޔޫރަޕްގެ އިތުރުން މުޅި ދުނިޔެއިންވެސް ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ޕްރެމިއާ ލީގު މެދުކަނޑާލީ މާޗު މަހުގެ ކުރީކޮޅުގައެވެ.