މި ފަހުން ރާއްޖެއިން ފެނިފައިވާ ކޮވިޑް-19އަށް ޕޮޒިޓިވް މީހުންނާ ކޮންޓެކްޓުވި މީހުންގެ އަދަދު މަދުކަން ފާހަަގަކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ މިއަދު ވިދާޅުވީ، ރައްޔިތުންގެ އެއްބާރުލުމާ އެކު ލޮކްޑައުން ދެމެހެއްޓިއްޖެ ނަމަ، މި ބަލީގެ ހާލަތު ރާއްޖޭގައި ގޯސްނުވެ ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. މިހާރުވެސް ލޮކްޑައުން ތަންފީޒު ކުރުމުގެ ރަނގަޅު ނަތީޖާ ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ފަހުން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓު މަދުކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމުގެ ނަތީޖާ އެބަ ފެނޭ. އެއީ މިހާރު ޕޮޒިޓިވްވާ ކޭސެސް އާންމުކޮށް ބައްދަލުވެފައި މި ހުންނަނީ ވަރަށް މަދު ބަޔަކާ އޭގެ މާނައަކީ ގިނަ ރައްޔިތުން އެ ތިބީ ގޭގައި ރަނގަޅަށް އައިސޮލޭޓު ވެގެންނޭ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ގެތަކުގައި ތިބި މާމައިންނާއި ކާފައިން ގެތަކުގެ ކޮޓަރިތަކުގެ ތެރޭގައި އައިސޮލޭޓު ކުރަން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަކީ ބަލީގެ ނުރައްކާ ބޮޑު ބަޔަކަށް ވުމުންނެވެ.

ރޭވުމާ އެއްގޮތަށް ކަންކަން ގޮސްފި ނަމަ، ބެސްޓް ކޭސް ސިނާރިއޯގައި ރާއްޖޭގެ މައިގަނޑު އިގްތިސާދީ ހަރަކާތް ޓޫރިޒަމް ޖުލައި މަހު ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓޫރިޒަމް ފަށާ އިރު ފަށާނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށެވެ.

ބެސްޓް ކޭސް ސިނޭރިއޯއާ އެއްގޮތަށް ކަން ނުހިނގައި އެއަށް ވުރެ ގޯސް ވެއްޖެ ނަމަ މިނިސްޓަރު ލަފާ ކުރެއްވީ ޓޫރިޒަމް ފެށޭނީ އޮކްޓޯބަރު ހިސާބުގައި ކަމަށެވެ. އަދި އެންމެ ގޯސް ސިނާރިއޯއަށް ހާލަތު ގޮސްފި ނަމަ މި އަހަރު އެއްވެސް ގޮތަކަށް ޓޫރިޒަމް ނުފެށި ހިނގައިދާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 862 މީހުންނެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 478 މީހަކު ޕޮޒިޓިވްވެފައިވާއިރު، ޕޮޒިޓިވްވި ދިވެހީންގެ އަދަދަކީ 288 އެވެ.