ކަރަންޓީނު ވުމަށްޓަކައި ވިޔަސް ބޭރު ގައުމުތަކުން ރާއްޖެއަށް މީހުން އަންނަން އެދެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ބޭރު ގައުމުތަކުން މީހުން މިހާރު ވެސް ތިބީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ދުވަހަކަށް އިންތިޒާރު ކޮށްގެން ކަމަށެވެ. އެގޮތުން މިހާލަތުގައި ވެސް ދިގު މުއްދަތަކަށް ކޮޓަރި ހިފައިގެން ކަރަންޓީނު ވާން އައުމަށް ވެސް ރިކުއެސްޓް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެއަށް މިއަދު ވެސް ޓޫރިސްޓުން އަންނަން ބޭނުންވޭ. މިވަގުތު ވެސް މިނިސްޓްރީއަށް ރިކުއެސްޓް އައިސްފައި އެބަހުރި، އަރަބި ގައުމުތަކުން އެއްފަހަރާ 2000 މީހުން އަންނަން. މިގޮތަށް އަދަދުތަކުން ރިކުއެސްޓް އެބައާދޭ ރާއްޖެއަށް އަންނަން ބޯޑަރު ހުޅުވާދޭން." މިނިސްޓަރު އަލީ ވިދާޅުވި އެވެ. "އަދި ކަރަންޓީނު ވާން ވެސް، މާނައަކީ ހަ މަސް ދުވަހު ކޮޓަރިއެއް ހިފައިގެން ތިބެން ވިޔަސް އަންނަން ބޭނުންވެގެން ރިކުއެސްޓް އެބައާދޭ."

މީގެ އިތުރުން ޗާޓަރު ފްލައިޓްތަކާއި ޖެޓުތަކުގައި ރާއްޖެއަށް އައުމުގެ ހުއްދައަށް އެދި ރިކުއެސްޓް ލިބެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ މި ބަލި ރާއްޖޭގައި ކޮންޓްރޯލު ކުރެވިގެން ޓޫރިޒަމް އަލުން ފަށަން ބޯޑަރު ހުޅުވާލާއިރު ޓޫރިސްޓުން ރާއްޖެއަށް އަންނާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން. އިރާދަކުރެއްވިއްޔާ ޓޫރިސްޓުން އަންނާނެ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ ބަލި ފެތުރޭ ގައުމުތަކުން ޓޫރިސްޓުން އައުން މަނާކުރި އެވެ. އަދި އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި، ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު މުޅިން ބަންދުވީ މާޗް 27 ވަނަ ދުވަހުގަ އެވެ. ވިސާ ދޫކުރުން ހުއްޓާލިއިރު ވެސް 50 ރިސޯޓެއް އޮތީ ބަންދުކޮށްފަ އެވެ.

ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަތުން ބަރޯސާވެފައިވަނީ ބަލި ފެތުރޭ މިންވަރަށެވެ. ބަލިފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވި މި ހާލަތު ރަނގަޅުވެއްޖެނަމަ މިއަހަރުގެ ޖުލައިއާއި އޮކްޓޫބަރު މަހާ ދެމެދު ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ޖުލައި ނުވަތަ ޖުލައި މަހުގެ ފަހުން މި ބަލި ކޮންޓްރޯލު ކުރެވޭނެ ކަމަށް ބަލައިގެން ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ވެސް ދަނީ ތައްޔާރުވަމުންނެވެ.