24 Dec 2011, 17:11
ތިރީސް އެއް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ވިކްޓަރީ ސްޕޯޓްސް ކުލަބް އަތުން ވެސް ފަސޭހަކަމާ އެކު ކަސްޓަމްސް ރެކްރިއޭޝަން ކުލަބު މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މިމެޗް ކަސްޓަމްސް އިން ކާމިޔާބު ކުރީ 59 ޕޮއިންޓް 27 ޕޮއިންޓުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކަސްޓަމްސް އަށް 30 ޕޮއިންޓް ހޯދައިދިން އައިމިނަތު ހަލީމް އެވެ. އައިމިނަތު ހަލީމަށް ވަނީ ކަސްޓަމްސް އަށް ގިނަ ޕޮއިންޓްތަކެއް ކާމިޔާބު ކޮށްދިނުމަށް ފުރުސަތު ލިބި އަދި ފުރުސަތުތަކެއް ތަނަވަސް ކޮށްދީފަ އެވެ.
ޖުމްލަ ތިން ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ދެބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓިމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހު އެވެ.
މިމުބާރާތުގައި މިއަދު ހަވީރު 16:15 ގައި ބައްދަލުކުރާ ދެޓީމަކީ ޑީ ބާސްކެޓްބޯލް ކުލަބާއި ވިކްޓަރީ އެވެ.