27 Jun 2010, 09:00
13:20
ތ. ކިނބިނދޫ މީހަކާ އިނދެގެން އުޅޭ އިންޑިއާ އަންހެނަކު އެއް އަހަރުނުވާ ތުއްތު ދަރިފުޅު މަރާލުމަށްފަހު އަމިއްލަ އަށް ދަންޖެހިފައި ހުއްޓައި ސަލާމަތްކޮށްފި އެވެ.
ކިނބިދޫ މީހަކު ބުނީ އެ ކުއްޖާ މަރާލިކަން މީހުންނަށް އެނގުނީ، ދެ ފަހަރުމަތިން ބާލިސް އަޅައިގެން އެ ކުއްޖާ މަރާލުމަށްފަހު އޭނާ އަމިއްލަ އަށް ބެޑްޝީޓެއް ބޭނުންކޮށްގެން ދަންޖެހެން އުޅެނިކޮށް ބެޑްޝީޓް ކަނޑައިގެން ގޮސް ވެއްޓުނު އަޑުފަށްގަނޑަށް މީހުން ގޮސް، އެ ރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ގުޅުމުން ކަމަށެވެ. އަދި އެކުއްޖާ މަރުވެފައި އޮތްއިރު ކަރުން ކޮންމެވެސް ވަރަކަށް ޒަޚަމްތަކެއް ފެންނަން ހުރި ކަމަށް ވެސް ކިނބިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެރަށު ކޯޓުގައި މަސައްކަތްކުރާ ކޮންމެވެސް ވަރަކަށް ފައިގެ މައްސަލައަކާ ހެދި ނުކުޅެދުންތެރިކަން ހުރި ފިރިހެނަކާ މީގެ ދެ އަހަރު ކުރިން އިނދެގެން އުޅޭ އިންޑިއާގެ އެ އަންހެން މީހާ އާ ދެ މީހުން މީގެ ދެ ދުވަސް ކުރިން ވަރަށް ގަދަޔަށް ޒުވާބުކޮށްފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަދި ދަރިފުޅަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ކަމަށާއި އަނގަފުރާ ކާއެއްޗެހި އަޅައި، ގަންނަވާ ހަދާ ކަމަށާއި ދަރިފުޅު ބޮލަށް ކާއެއްޗެހި އަޅާ ހަދާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ދަރިފުޅު މަރާލި ކަމަށް އެ އަންހެން މީހާ ވަނީ އެއްބަސްވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންޑިއާ އަންހެން މީހާ އަށް ހޮސްޕިޓަލުގައި އަދިވެސް އަންނަނީ ފަރުވާދެމުން ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެ ރަށަށް ދިޔުމަށް ތައްޔާރު ވަމުންދާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ މިހާރު ވެސް ތ.އަތޮޅުގައި ތިއްބެވި ފުލުހުންގެ ތެރެއިން ޚާއްސަ ޓީމެއް އެ ރަށުގައި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.