ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަނެ، ކުރިން އޮތް ފެންވަރަށް އެ ސިނާއަތް ގެންދަން އަހަރެއް ނުވަތަ ދޮޅު އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް މިހާރު ވެސް ޕެކޭޖުތަކެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް މި ހާލަތު ދިގުދެމިގެންދާ ވަރަކަށް މިހާރު އިތުރު ޕެކޭޖުތައް ވެސް ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ބަލި ރާއްޖޭގައި ކޮންޓްރޯލު ކުރެވިގެން ޓޫރިޒަމް އަލުން ފަށަން ބޯޑަރު އަލުން ހުޅުވާލާއިރު، ޓޫރިސްޓުން އަންނާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން. އެހެން ނަމަވެސް ޓޫރިޒަމްއަށް ރީބައުންޑެއް ނަގަން އަހަރެއް ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އަންދާޒާ ކުރެވެނީ." މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި "ރިލީފް ޕެކޭޖް"ގެ ތެރެއިން ޓުއަރިޒަމަށް ހާއްސަ ރިލީފް ޕެކޭޖެއް މިހާރު ވެސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެއީ ކުރު މުއްދަތަކަށް އަމާޒުކޮށްފައިވާ ޕެކޭޖެކެވެ.

"މިއީ ފުރަތަމަ ތިން މަހަކަށް ފޯކާސްޓު ކުރެވުނު ކަމެއް. ނަމަވެސް ތިން މަހަށްވުރެ ދިގުދެމިގެންދާނެކަން މިއޮތީ ވަރަށް ސާފުކޮށް ފެންނަން. އޭގެ މާނައަކީ އިތުރަށް ސަރުކާރުން ވެސް ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ އަދި އިންޑަސްޓްރީގެ ފަރާތްތަކުން ވެސް ނަގަން ޖެހޭ ސްޓެޕްސް ހުންނާނެ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ގޯސް ނޫން ހާލަތެއްގައި މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި ޓޫރިޒަމް ފަށައިގަންނަން މިނިސްޓަރު އަލީ ލަފާކުރެއްވި ނަމަވެސް، އެންމެ ގޯސްވާނެ ކަމަށް ބެލެވޭ ހާލަތުގައި ލަފާކޮށްފައިވަނީ މިއަހަރުގެ ބާކީ އޮތް ބައިގައި އެއްވެސް ޓޫރިސްޓަކު ރާއްޖެއަށް ނާންނާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަންނަންވާނީ، މިއީ ދިވެހިންގެ ސިނާއަތަކަށް ބަދަލުކޮށްލައި، މި ސިނާއަތާ މެދު އުންމީދުކުރާ ކަންތައްތައް ފުރިހަމަ ކުރުމާ އެކުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ޓޫރިޒަމް ހުޅުވުމަކީ އުންމީދެއް ކަމަށެވެ. އަދި މޮޓަރޭޓް ހާލަތެއް އައިސްފި ނަމަ، ޓޫރިޒަމް ހުޅުވުމުގެ އަމާޒު އޮތީ އޮކްޓޯބަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ޓޫރިޒަމް ހުޅުވާނީ މި ބަލި ކޮންޓްރޯލް ކުރެވުމުން ކަމަށާއި 2-6 ހަފްތާއާ ދެމެދު ބަލި ކޮންޓްރޯލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.