ކޮވިޑް19 ފެތުރިފައިވަ މިންވަރު ދެނެގަތުމަށް މާފުށީ ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން 22 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލް ވެސް ވައިރަހަށް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޖަލުން ނަގާފައި ވަނީ 38 ސާމްޕަލް ކަމަށެވެ.

އަދި މިހާތަނަށް ލިބުނު 22 ސާމްޕަލްގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވް ކަމަށާއި، އުންމީދުު ކުރައްވަނީ ޖަލުގައި އެއްވެސް ވަރަކަށް ބަލި ނެތް ކަމަށެވެ.

ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އިން މިހާރު ދަނީ އެއްވެސް ޕޮޒިޓިވް ކޭސްްއަކާ ގުޅުމެއް ނެތް މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުންނެވެ.

އެގޮތުން މި މަހުގެ އަށް ވަނަ ދުވަހު މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ނެގިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 862 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވި އިރު، 30 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.