11 May 2020, 20:41
ހުޅުމާލޭގައި ފަތުރުވެރިންނަަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުން ބަންދުން ދޫވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން ގެންދާތީ، އެ މައްސަލައިގައި މީޑިއާގައި ވާހަކަ ދައްކަވަން އަދި ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބުރުއައީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ފަތުރުވެރިއަކާއި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. ގާނޫނުގައި ބުނާ މުއްދަތުގައި ޕީޖީން ކޯޓުގައި ދައުވާ ނުކުރުމުގެ ސަބަބުން އެމީހުން ބަންދުން ދޫވެފައި ތިބި ކަމަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ދައުވާ ކުރުމަށް ލިބޭ ގާނޫނީ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ މައްސަލައިގައި ދައުވާ ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
ރާއްޖެ ޓީވީއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުގައި މިކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެކަން ހިނގި ގޮތް މިހާރު މަޖިލީހުގެ ކޮމިޓީން ބަލަމުން ދާތީ، މީޑިއާގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ކޮމިޓީގައި އެ އެކަމާ ގުޅޭ ސާފު މާއުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"މީޑިއާގައި ތިވާހަކަ ދެއްކުމަށްވުރެ، މަޖިލީހުގެ އެކަމާ ބެހޭ ކޮމިޓީއަކަށް އަޅުގަނޑުމެން ތި މައުލޫމާތު ހާމަ ކުރާނަން. ހާމަކުރުމުން އެބޭފުޅުން އެކަމުގައި ބަސްފުޅެއް ވިދާޅުވާނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްގޮތަކަށް ވެސް ތި މައުޟޫގައި މީޑިއާގައި ޝަރީއަތް ކުރާކަށް. އެކަމަކީ ރަނގަޅު ގޮތަކަވެސް ނުވާނެ،" ފަތުރުވެރިން ދޫއްވި މައްސަލައަކީ ކިހިނެތް ހިނގި ކަމެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، އެ މައްސަލައާ ގުޅޭ މައުލޫމާތު މަޖިލީހުގެ ކޮމިޓީއާ ހިއްސާ ކުރުމަށް އެ އޮފީހުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކޮމިޓީއާ ހިއްސާކުރެއްވުމަށްފަހު މީޑީއާއަށް މައުލޫމާތު ހާމަ ކުރަން ޖެހިއްޖެ ނަމަ އެކަމަށް ޖަވާބެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަހުގީގަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރި، ފެއިލްވީ ކޮންކަމެއްތޯ ބަލާނަން: އިމްރާން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވާހަކަ ދައްކަވަނީ: ފުލުހުން ތަހުގީގަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރި ކަމަށް ވިދާޅުވި --- ފޮޓޯ/ އެންއީއޯސީ
އެންއޯއީސީގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަރަށް ގިނަ އެނަލިސިސްތައް ހަދައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ތަހުގީގު ފުރިހަމަ ކަމަށް ގަބޫލު ކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައިވާ ކަން. އަދި އެކަށީގެންވާ މިންވަރަށް ހެކި ހޯދިފައިވާ ކަމަށް. އެހެން ނަމަވެސް ދައުވާ ކުރުމުގެ އިހްތިޔާރު ލިބިގެންވަނީ ޕީޖީއަށް. ޕީޖީ މިވަގުތައް ނިންމަވާފައި އޮތް ގޮތް [ދައުވާ އަނބުރާ ފޮނުވާލުން]. ދެން މިކަމުގައި ކުރިއަށް ދާނެ ގޮތް މިދަނީ މަޝްވަރާ ކުރަމުން. އަދި ފެއިލްވެގެން ދިޔަ ދިމާއެއްވެސް ދެނެގަތުމުގައި ބަލަން ޖެހޭ ބެލުންތައް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން މިދަނީ ބަލަމުން،" ފަތުރުވެރިންނަށް ހަމަލާދިން މީހުން ދޫވީ ކޮން ބައެއްގެ ފެއިލްވުމަކުންތޯ ސުވާލުކުރުމުން އިމްރާން ވިދާޅުވިއެވެ.
ފުލުހުން މިދިޔަ ހޮނިހިރު ދުވަހުގެރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ އެ މައްސަލައިގައި ބަންދުކުރެވިފައި ތިބި މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނުގައި ބުނާ މުއްދަތުތެރޭގައި ދައުވާ ކުރުމަށް ހުށަހެޅިކަމަށެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ދައުވާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި އަށް މީހުން ދޫވީ ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމުމުން ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގު ރަނގަޅު ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެކި ހޯދުމަށް އެކަށީގެންވާ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ޕީޖީއާ ގުޅިގެން އިތުރު ގޮތްގޮތުން ދައުވާކުރެވެން ހުރިކަންކަން ބަލަމުން އަންނަނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފަ އެވެ.