މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެންއޯއީސީގެ ނޫސްވިރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، މާލޭގައި ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ޒަރޫރީ ހާލަތްތައް ދިމާވެފައިިވާ އެތައް ބަޔަކު އެބަތިބި ކަމަށާއި އެހެން ކަމުން، ކޮންޓްރޯލް ކަރަންޓީނެއްގެ ތެރެއިން މީހުން ރަށްރަށަށް ފޮނުވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"މިހާތަނަށް ލިބިފައިިވާ މައުލޫމާތަށް ބަލާއިރު ފަސް ހާހެއްހާ ރައްޔިތުން އެބަ ރިކުއެސްޓް ކުރޭ މާލެއިން ފުރައިގެން ރަށްރަށަށް ދާން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ މީހުން މާލެއިން ފުރަން އެދިފައި ވާއިރު، އެންމެން ރަށްރަށަށް ފޮނުވައިގެން ކަރަންޓީނު ކުރެވޭނެ ކެޕޭސިޓީ މިހާރު ހުރި މަރުކަޒުތަކުގައި ނުހުންނާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އެހެންކަމުން މިކަން ކުރިއަށް ގެންދާނީ ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ރޯލް ވާ މިންވަރުން ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ލޮކްޑައުން އާ ގުޅިގެން މާލޭގައި ތާށިވެގެން ރިސޯޓުތަކުގެ 153 މުވައްޒަފަކު ޓުއަރިޒަމް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 97 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައި ވާއިރު، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ނިންމައިި، ކޮވިޑް19 އަށް ޓެސްޓުކުރުމަށްފަހު އެމީހުންނަށް އާއިލާތައް ކައިރިއަށް ދެވޭނެ ކަމަށެވެ.

ބާކީ ތިބި 56 މީހުން، ލޮކްޑައުނާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ "މެނޭޖްޑް ކަރަންޓީން"ގެ ލިސްޓުގައި ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ އިތުރުން ވެސް ލޮކްޑައުން އާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން އެފަދަ މީހުން ކަރަންޓީނު ކުރުމަށް މިހާރު 500 އެއްހާ ކޮޓަރި ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު މާލޭގައި ތާށިވެފައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ހުޅުމާލޭ ގެސްޓްހައުސްތަކުން އިތުރު 500 ކޮޓަރި ހަމަޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

"މި ދެންނެވި ފަރާތްތަކަކީ ބަލީގެ އަލާމާތެއް ހުރި ފަރާތްތަކެއް ނޫން. މާލޭގައި މިވަގުތު ތާށިވެފައި ތިބީތީވެ، އެހެން ރަށްރަށަށް ދިއުމުގެ ކުރިން އަޅުގަނޑުމެން ނިންމާފައި އޮތީ ރަށްރަށުގައި ތިބި ރައްޔިތުންގެ ސަލާމަތަށްޓަކައި މެނޭޖްޑް ކަރަންޓީނު ކުރުމަަށްފަހު، ޓެސްޓު ހަދައި، ޓެސްޓު ނެގެޓިވް ވުމުން ރަށަށް ގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގައި ބަލީގެ ހާލަތު ގޮސްވާނެތީ ރަށްރަށަށް މީހުން ފޮނުވުމުގެ ކަންކަން މަޑުޖެހިފައިވާ ކަމަށެވެ. އަދި ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ އުސޫލުތަކެއްގެ ތެރެއިން، އެންމެ ބޭނުން ޖެހިފައިވާ މީހުން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރާވަމުން އަންނަ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ އަދި ރަށު ކައުންސިލްތަކުން ވެސް ވަނީ ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންގެ މައުލޫމާތު އެއްކޮށްފައެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މާލެއިން ރަށްރަށަށް މީހުން ފޮނުވުމުގައި އިސްކަން ދޭ ލިސްޓު ތަރުތީބު ކުރަނީ، ހުރިހާ އިދާރާއަކުން ހޯދާފައިވާ ލިސްޓުތައް އެއްކޮށް، ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.

ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވެ، މި މަހުގެ 31 ވަނަ ދުވަހު ބޮޑު "ސާޖަކަށް" ދާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މިވަގުތު މާލެއިން ރަށްރަށަށް މީހުން ގެންދިއުމުގެ ތެރެއިން، ބަލި ނެތް ރަށަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާ އެކު، ހަގީގަތުގައި ރަށަށް ދާން ޖެހިފައި ތިބި މީހުން ފޮނުވާލެވޭނެ ކަމަށެވެ.

ނަމަވެސް ކޮންމެހެން މަޖުބޫރުވެގެން ނޫނީ ރަށަށް ދާން އެޕްލައިި ނުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަައެވެ. މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ އެކުލަވާލި ލިސްޓުގައި ރަށަށް ދާން ބޭނުންވެފައި ތިބި މީހުންގެ އަދަދު ހާހަކަށް ވެސް ނާރާ ކަމަށާއި، އެހެން ނަމަވެސް މިހާރު ކުއްލިއަކަށް އެ އަދަދު 5000 އަށް އަރާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިލްތިމާސެއް މިއީ މިވަގުތު، މި ލިސްޓަށް ކޮލިފައި ނުވާ ފަރާތްތައް ޗުއްޓީއަށް ރަށަށް ދާން ގޮތަށް، އެޕްލައި ކުރެއްވީމަ، ޒަރޫރަތުގައި ދާން ބޭނުންވެފައި އިންނަ މީހާއަށް، އެ ލިސްޓު ދިގުވެގެން ލަސްވުން އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު އެންމެ މުހިންމީ ލޮކްޑައުން ވެގެން ހާލުގައި ޖެހިފަ ތިބި ފަރާތްތައް ރަށަށް ދާން ރިކުއެސްޓު ކުރުން ކަމަށާއި، އެހެން ނޫންނަމަ ލިސްޓު ނުނިމޭނެ ކަމަށެވެ.

"މިއީކީ ސަމާސާ، އާދައިގެ ކަމެއް ނޫން. މިކަން އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ކުރަންވާ ގޮތަށް ނޫން ގޮތަކަށް ކުރެވިއްޖެނަމަ، ރަށް ރަށުގައި ރައްކާތެރިކަމާއެކު ތިބި ރަށްރަށަށް ބަލި ދިއުމުގެ ނުރައްކާ އެބަ އޮތް. އެހެންވީމަ އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކެންވީ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދުގެ ވާހަކައާ ގުޅިގެން މިނިސްޓަރު އިމްރާން ވަނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރު ކޮށްދިނުމަށް ކައުންސިލްތަކުން ހާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރު އަލީ ވިދާޅުވީ ސާޖްގެ ފުރަތަމަ ދެ ހަފްތާއަށް ބެލުމަށްފަހު، އިތުރަށް ލިސްޓު ރިވައިސް ކުރަން ޖެހޭނަމަ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުގައި އަދިވެސް ފަތުރުވެރިން އެބަތިބި ކަަމަށާއި، އެފަދަ ރިސޯޓުތަކުގައި ތިބި ދިވެހި މުވައްޒަފުންގެ ތެރެއިން 600 އެއްހާ މީހުން ރަށަށް ދާން އެދިފައިވާ ކަމަށެވެ.

އެ ރިސޯޓުތަކަކީ ކަރަންޓީނުގެ މުއްދަތު ހަމަވެ، ބަލި ފެނިފައި ނުވާ ރިސޯޓުތަކަށް ނުވާތީ، އެ މުވައްޒަފުން އިތުރު ކަރަންޓީނަކާ ނުލާ އަދި މާލެ ނައިސް، ރަށަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވިއަން އާއެކު މަސައްކަތް ކުރަމުން އަންނަ ކަަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ.