24 Dec 2011, 17:10
ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އަށް ލިބުނު ނާކާމިޔާބީ އަށް ފަހު އެ ޓީމަށް ބޮޑު ކާމިޔާބީއެއް ހޯދައިދިން މެސަޑޯނިއާ ކޯޗު ނިކޯލާ އިލިއެވްސްކީ އިސްތިއުފާ ދީފި އެވެ.
ބަންގްލަދޭޝް ކޯޗުކަމުގެ މަގާމުން އިލިއެވްސްކީ އިސްތިއުފާ ދިނީ ހަތް މަސް ދުވަހުގެ މުއްދަތަކަށް އެޓީމަށް އިރުޝާދު ދިނުމަށް ފަހު އެވެ. މަގާމުން އިސްތިއުފާ ދިން އިރު އިލިއެވްސްކީ އާއި ބަންގްލަދޭޝް ފުޓުބޯޅަ ފެޑަރޭޝަނާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ފަސް މަސް ދުވަސް އޮތެވެ.
ބަންގްލަދޭޝްގެ ނެޝަނަލް ޓީމް މެނޭޖްމަންޓް ކޮމިޓީން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދީފައިވާ ކަމަށް އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.
"އެންޓީއެމްސީ (ނޭޝަނަލް ޓީމް މެނޭޖްމަންޓް ކޮމިޓީ) އިން ކޯޗަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދީފައިވާނެ. އަދި ފުރިހަމަ މިނިވަންކަމާއި އެއްވެސް ދަތިކަމެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ކޯޗަށް ވާނީ ދީފައި." ބަންގްލަދޭޝް ފުޓުބޯޅަ ފެޑަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.
އިލިއެވްސްކީގެ ކޯޗުކަމުގެ ދަށުން ބަންގްލަދޭޝް ޓީމަށް ލިބުނު ކާމިޔާބީ ތަކަށް ޝުކުރު އަދާކުރާ ކަމަށް ވެސް މި ބާޔާނުގައިވެ އެވެ.
"ހަތް މަސްތެރޭ ޓީމަށް ހޯދައިދިން ކާމިޔާބީ އަށާއި ޓީމުގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކޮށްދިނުމަށް ކޮށްދިން މަސައްކަތައް އިލިއެވްސްކީ އަށް ޝުކުރު އަދާކުރަން." ނޫސް ބަޔާނުގައި ވެއެވެ.
އިލިއެވްސްކީ އަކީ ހަތަރު އަހަރު ތެރޭ ބަންގަލަދޭޝް ގައުމީ ޓީމުގެ ކޯޗުކަމުން އިސްތިޢުފާ ދިން ހަތަރު ވަނަ ކޯޗެވެ. ހަތަރު އަހަރުތެރޭ އެއްވެސް ކޯޗެއްގެ އެބަސްވުން ފުރިހަމަ ކޮށްފައެއް ނުވެ އެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ނިމިގެން ދިޔަ ހަތް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް ނިންމާލީ ގްރޫޕްގެ ބީގެ އެންމެ ފުލުގައި އޮވެ އެވެ. މިމުބާރާތަށް ބަންގަލްދާޝެ ކުރިމަތިލި އިރު، އެޓީމު އޮތީ ފީފާ ރޭންކިންގައި މިސަރަހައްދުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.