ވާހަކަ ދެއްކުންތެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ އޮންލައިން ކޯހެއް ދިެވހި ބަހުގެ އެކެޑަމީން ކުރިއަށް ގެންދަން ނިންމައިފި އެވެ.

"ވާހަކަ ދެއްކުންތެރިކަމުގެ އަލި މުޅި ރާއްޖެއަށް" މި ނަމުގައި ކުރިއަށް ގެންދާ އެ ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ މުޅިން ހިލެ އެވެ.

އެ ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 20 އިން 10 ޖޫންއަށެވެ.

އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހު މެންދުރު 02:00ގެ ކުރިން ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އެކެޑެމީއިން ބުންޏެވެ.

އެ ކޯހުގައި ކިޔަވައިދެއްވާނީ ކުރީގެ މަޖިލިސް މެމްބަރު އަދި ޑީއާރުޕީ ހިންގުމުގައި ފަހަކާ ޖެހެންދެން އުޅުއްވި މުހައްމަދު ނަޝީދު (ކާނަލް)އާއި މުހައްމަދު ޝިފާންގެ އިތުރުން "ސަން" އޮންލައިންގައި ކުރިން މަސައްކަތްކުރެއްވި އަލީ އަމީރުއެވެ. ކާނަލްއާއި ޝިފާންއަކީ ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އަދި އަމީރަކީ ވާހަކަދެއްކުމުގެ މުބާރާތްތަކަށް ކޯޗުކޮށްދިނުމުގައި ތަޖުރިބާކާރެއްގެ އިތުރުން ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ކުރީގެ ޗެމްޕިއަނެކެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިންފޯމެއް ފުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.