ރާއްޖެއިން ކޮވިޑް19 އަށް އިތުރު 27 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ 862 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މިއަދު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ 18 މީހުންނާއި، ނުވަ ދިވެހީން ކަމަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 862 އަށް އަރާފައި ވާއިރު، 30 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ތިން މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 288 ދިވެހީންނާއި، 574 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. ރާއްޖެއިން 478 ބަންގްލަދޭޝް މީހަކަށް މިހާތަނަށް ވަނީ ކޮވިޑް19 ޖެހިފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބައެއް މީހުންނަށް އަންނަނީ ފަރުުވާދެމުންނެވެ. އެޑްމިޓްކޮށްފައިވާ މީހުންގެ ތެރޭގައި ތިން ބިދޭސީން އަދި ހަ ދިވެހީން ހިމެނޭއިރު، އޭގެތެރެއިން އެއް ބިދޭސީއަކު އޮތީ ވެންޓިލޭޓަރުގައެވެ.